ސުވަރުގެ ޙާސިލް ކުރުމަށް އެންމެ ރަމަޟާން މަހެއްވެސް ފުދޭ ކަމަށާއި، ނަމަވެސް އެއީ އެކަމަށް އިޚްލާސްތެރިކަމާއިއެކު މަސައްކަތް ކޮށްގެން ކަމަށް އައްޝައިޚް ޢާޒިމް ޚާލިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢާޒިމް މިހެން ވިދާޅުވީ، ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން، ތ. ދިޔަމިގިލީގައި މިރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ފޯރަމްގެ މައުޟޫއަކީ، "ރަމަޟާން މަހުގެ މާތްކަން"އެވެ.
މި މަޢުޟޫޢަށް ތަޤުރީރު ކުރައްވަމުން އައްޝައިޚް ޢާޒިމް ވިދާޅުވީ، ހަޤީޤީ ކާމިޔާބަކީ ނަރަކައިން މުއްތި ކުރެއްވުން ކަމަށާއި، އެންމެ ރަމަޟާން މަހަކުން ވެސް ނަރަކައިން ސަލާމަތް ވާން ފުދޭ ކަމަށެވެ. ނަމަވެސް އެއީ އެ މަހުގެ ތެރޭގައި މާތް ﷲ އަށް އިޚުލާސްތެރިކަމާއި ފުރިހަމަކާއެކު ރޯދަ ހިފައި އަޅުކަން ހަލާސް ކޮށްފި ކަމުގައިވާނަމަ ކަމަށް ވިދާޅުވިއެވެ.
މި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް ޢާޒިމް ވަނީ، މި ރަމަޟާން މަހު ވީހާވެސް ގިނައިން ރޭ އަޅުކަން ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ދުނިޔޭގައި ހުރެ މި މާތް މައްސަރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެ ލެއްވިއެވެ.
މި މައްސަރުގައި ޤުރުއާން ކިޔެވުމުގެ މާތް ކަމަށް އަލިއަޅުވާލަމުން ޝެއިޚް ވިދާޅުވީ، ހަމައެކަނި ޤުރުއާނުގެ ދެލިގަނޑު ކިޔަވާ ބަޔަކަށް ވުމުގެ ބަދަލުގައި އޭގެ މާނަވެސް އެނގެންޖެހޭ ކަމަށެވެ. އަދި ސަދަޤާތް ދިނުމުގެ މާތްކަމަށް ވެސް ޝޭހުވަނީ އަލިއަޅުއްވާލާފައެވެ.
މީގެއިތުރުން ރޯދަ މަހަކީ ސުވަރުގޭގެ ހުރިހާ ދޮރުކޮޅެއް ހުޅުވި ނަރަކައިގެ ހުރިހާ ދޮރުކޮޅުތަކެއް ބަންދުވެގެންވާ މަސްވަރެއްކަން ޝޭހު ވަނީ ފާހަގަކުރައްވާފައެވެ.
މި ފޯރަމް ބާއްވާފައިވަނީ މިރޭ 21:30 ގައި ދިޔަމިގިލީ ފުޓްސަލް ދަނޑުގައެވެ. މި ފޯރަމުގައި ދިޔަމިގިލީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މި ފޯރަމްގައި ބައިވެރިވި އަންހެން އަދި ފިރިހެން ބޭފުޅުން ވަކިން ގުރުއަތުލައި، ގުރުއަތުން ހޮވުނު ބޭފުޅުންނަށް ޚާއްޞަ އިނާމުތަކެއް ވެސް ވަނީ ދީފައެވެ. މިއީ އިޙްޔާ ފޯރަމްތަކުގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދަވާ ހަރަކާތެކެވެ.
މި ޕްރޮގްރާމް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖުންނާއި މުންނާރު ޓީވީން ވަގުތުން ދުރަށް ދައްކާފައިވެއެވެ.
ދިޔަމިގިލީގައި މިއަދު އަސުރު ނަމާދަށްފަހުވެސް ޝޭހު ޢާޒިމް ވަނީ، ދީނީ ދަރުހެއް ދެއްވަވާފައެވެ.
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން 6 ސްކޫލެއްގައި މި ފޯރަމް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިންިސްޓްރީން މައުލޫމާތު ދެއްވައެވެ.