އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުގެ މަގާމު އަނބުރާ ހޯދަން ކުރިޔަށް އޮތް މުބާރާތުގައި މަސައްކަތް ކުރާނެ ކަމަށް ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ޝައްމޫން ބުނެފިއެވެ.
އޭނާ އަކީ މިދިޔަ އަހަރު ބޭއްވި، 12 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓެވެ. މިއަހަރު އެމަގާމު ލިބުނީ ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދަށެވެ.
"މިދިޔަ އަހަރު ބެސްޓް އެތުލީޓު ލިބުނު. މިފަހަރު އެމަގާމު ނުލިބުނު ދޯ ދެން. އެހެންވީމަ ކުރިޔަށް އޮތްތަނުގައި އިތުރަށް މަސައްކަތްކުރާނަން ކުރީގެ މަގާމު އަނބުރާ ލިބޭތޯ" ޝައްމޫން ބުންޏެވެ.
މިއަހަރުވެސް އޭނާ ވާދަކުރީ ޝޮޓްޕުޓާއި ޑިސްކަސް އުކުމުގެ އިވެންޓުގައެވެ. ޝޮޓްޕުޓް އަދި ޑިސްކަސް އުކުމުގެ ޤައުމީ ރެކޯޑްވެސް އޮންނަނީ ޝައްމޫން އަތުގައެވެ.
ޝައްމޫން ވަނީ މި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމުގައި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޤައުމީ ރިކޯޑްތައް އައުކުރުމަށް މަސައްކަތްކޮށްފައެވެ. ޝޮޓްޕުޓްގައި ޤައުމީ ރެކޯޑް ހެދުނު ނަމަވެސް ފައުލްވެގެން ކައުންޓް ކުރެވޭ ގޮތް ނުވީއެވެ.
"ޝޮޓްޕުޓްގައި ނެޝަނަލް ރެކޯޑްވެސް އަސްލު ތްރޯއިންގައި ހަދާލެވުނު. އެކަމަކު ފައުލްވެގެން އަންލަކީކޮށް އޭތި ކައުންޓް ކުރެވޭގޮތް ނުވީ" ޝައްމޫން ބުންޏެވެ.
ޝޮޓްޕުޓްގެ ފިރިހެނުންގެ ގައުމީ ރެކޯޑް އޭނާ ހަދާފައިވަނީ މިދިޔަ އަހަރު ބޭއްވި 25 ވަނަ ޤައުމީ މުބާރާތުގައި 11.02 މީޓަރު ދުރަށް ޝޮޓްޕުޓް އެއްލައިގެންނެވެ.
ޑިސްކަސް އުކުމުގެ ގައުމީ ރިކޯޑް ހަދާފައިވަނީ 2014 ވަނަ އަހަރުގެ ގައުމީ މުބާރާތުގައެވެ. އެއީ 32.30 މީޓަރު ދުރަށް ޑިސްކަސް އުކައިގެންނެވެ.
މައިލޯ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައިވެސް ޝޮޓްޕުޓް އަދި ޑިސްކަސް އިން ޝައްމޫންވަނީ އެއްވަނަ ހޯދާފައެވެ.
ސޮޓްޕުޓް އިން ޝައްމޫން ރަން މެޑަލް ހޯދީ 10.22 މީޓަރު ދުރަށް އެއްލައިގެންނެވެ. އަދި ޑިސްކަސް އުކުމުން ރަން މެޑަލް ހޯދީ 29.06 މީޓަރު ދުރަށް ޑިސްކަސް އުކައިގެންނެވެ.
މި ދެ އިވެންޓުންވެސް އޭނާއާއި އެންމެ ގާތުން ވާދަކުރީ ޓްރެކް އެންޑް ފީލްޑްގެ އާލިފް އިބްރާހިމް ޝަރީފެވެ. އާލިފު ވަނީ 10.22 މީޓަރު ދުރަށް ޝޮޓްޕުޓް އެއްލައިފައެވެ. އަދި 27.70 މީޓަރު ދުރަށް ޑިސްކަސް އުކައިފައެވެ.
ޝައްމޫން ޤައުމީ ފެންވަރުގައި ދިވެހި ސިފައިންގެ ކުލަބު ތަމްސީލުކުރާތާ 22 އަހަރު ވެއްޖެއެވެ. އޭނާ ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައިވެސް ސޮޓްޕުޓްގައި ރާއްޖެ ތަމްސީލުކޮށްފައެވެ.