ޚަބަރު

"އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމުގައި ސާބިތުކަމާއެކު ސަރުކާރު ދެމިއޮންނާނެ"


  • އުންމީދީ މުސްތަޤުބަލެއް ހޯދައިދިނުމަށް އިންވެސްޓް ކުރަމުންދާކަން ފާހަގަކުރެއްވި

އެންމެހައި ފަރާތްތަކުގެ ޙައްޤުތަކާއި ކަރާމާތް ނެގެހެއްޓިފައިވާ، ހަމަހަމަ އަދި ޝާމިލު މުޖުތަމަޢުތައް ބިނާކުރުމުގެ އަޒުމުގެ މަތީގައި ދިވެހިރާއްޖެ ދެމިއޮންނާނޭކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

އިޖުތިމާއީ އަދާލަތަކީ ހަމައެކަނި އުންމީދެއް ނޫންކަމަށް ވިދާޅުވެ، އިޖުތިމާޢީ އަދާލަތަކީ، ސުލްހަވެރި، ވިލުންތެރި، އަދި ހަމަހަމަ މުޖުތަމަޢުތައް ބައްޓަންކުރާނޭ މަގުދައްކާ އަސާސެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޝާމިލުކަން ކަށަވަރުކުރުމަށް މުޖުތަމަޢުތައް ބާރުވެރިކުރުވައި، ތަފާތުތައް ކުޑަކުރުމަށް އާ ޢަޒުމެއްގައި މަސައްކަތްކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، ޝާމިލުކަމާއެކު ކުރިއެރުން ގެނައުމަށް ބާރުއެޅުމަށާއި، ނާޒުކު ޖަމާޢަތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް، އެމަނިކުފާނުގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގައި ރާއްޖެއިން ބައިވެރިވުމަކީ، އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަޒުމަށް ލިބޭ އިތުރު ބާރެއްކަމަށާއި، މި ބައިވެރިވުމާއެކު، ޤައުމީ ސިޔާސަތުތަކުގައި ބައިނަލްއަޤުވާމީ މިންގަނޑުތައް އެކުލަވާލެވޭނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، ޚިދުމަތްތަކަށް ވާސިލުވުމަށްހުރި ފުރުސަތުތައް އިތުރުކުރުމަށް، ޚާއްޞަގޮތެއްގައި ޚާއްޞަ ޚިދުމަތްތައް ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކުރުމަށްޓަކައި، މުޅިން އަލަށް ފައްޓަވާފައިވާ މަސައްކަތްތަކަށްވެސް އިޝާރާތްކުރައްވާފައެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން، އުނގެނުމުގައި ދެމިތިބުމުގެ ފުރުސަތު އިތުރުކޮށް، މުޖުތަމަޢު ބައިވެރިކުރުމުގެ ފުރުސަތު އިތުރުކޮށް، އަދާހަމަކުރެވިފައިވާ މިންގަނޑުތަކާއި ގަވާއިދުތަކުގެ އަލީގައި، ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ބިންގާ ހަރުދަނާކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ..

ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތައް ފުޅާކޮށް، ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް، ހަމަހަމަ އިޤްތިޞާދީ ފުރުސަތުތައް ހޯދައިދީގެން އަބުރުވެރިކަމާއެކު މަސައްކަތްކުރުމަށް އެއްބާރުލުންދިނުމަށް ދޭ އަހުމިއްޔަތުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ މެސެޖުގައި، މުޤައްރަރު މުއްސަނދިކޮށް، ލުއިފަސޭހަ ކަމާއެކު ތަޢުލީމު އުގެނުމުގެ އިޚުތިޔާރާއެކު، ތަޢުލީމު އުގުނެމުގެ ފުރުސަތު އިތުރަށް ފުޅާކުރެވިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތަފާތުތައް އެބަހުރިކަމާއި، ކުރިމަގުގައިވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނޭކަން ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެ، އިޖުތިމާޢީ އަދާލަތަކީ ހަމައެކަނި ވެވޭ ވަޢުދަކަށް ނުހަދައި، އެއީ ދުނިޔޭގެ ޙަޤީޤަތަށް ހެދުމަށް މަސައްކަތްކުރެއްވުމަށް، ހުރިހާ ފަރާތަކަށް ގޮވާލައްވަމުންނެވެ.

ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، އިޖުތިމާޢީ އަދާލަތު ޤާއިމުވުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް، ފުރުސަތުތަކާއި، ކަރާމާތާއި، ރައްކާތެރިކަން ފޯރުކޮށްދެއްވުންކަމަށް ވިދާޅުވެފައެވެ. އަދި އޯގާތެރިކަމާއި، ހިއްސާކުރާ ޒިންމާއަކީ އާރުކާޓީކަމުގައިދެކިގެން، މި މަގުން، ދެމެހެއްޓެނިވި މުސްތަޤުބަލަކާ ދިމާއަށް މިސްރާބުޖެހުމަށް އެމަނިކުފާނު އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ.

ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހަކީ، އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކުރުމަށް ގޮވާލައި، ފަޤީރުކަމާއި، ބާކީކުރުމާއި، ނާއިންސާފު ފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމަށް، ކޮންމެ ފެބުރުވަރީ މަހެއްގެ 20 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ..