ޚަބަރު

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަތޮޅަކަށް ކ. އަތޮޅު


  • ކ. އަތޮޅަށް 166،867 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައި

  • ކ. އަތޮޅަކީ މިވަގުުތު އެންމެ ގިނަ އެނދު އޮޕަރޭޝަނުގައި ހުރި އަތޮޅު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ކ. އަތޮޅަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 390,004 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 360,401 ފަތުރުވެރިންނާ އަޅާ ބަލާއިރު 8.2 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ. އެއީ 166،867 ފަތުރުވެރިންނެވެ. 35،451 ފަތުރުވެރިންނާއެކު މި ލިސްޓުގެ ދެވަނައިގައި އޮތީ އދ. އަތޮޅެވެ. އަަދި ތިންވަނައިގައި އޮތީ އއ. އަތޮޅެވެ. އެއީ 31،870 ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަތޮޅަށް ކ. އަތޮޅު ވެފައިވާއިރު، އެއަތޮޅަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެއިން އެންމެ ގިނަ އެނދު މިވަގުުތު އޮޕަރޭޝަނުގައި ހުރި އަތޮޅުވެސް މެއެވެ. އެގޮތުން 67،027 އެނދުގެ ތެރެއިން 24،864 އެނދު މި އަތޮޅުގައި އޮޕަރޭޝަނުގައި އެބަހުރިއެވެ. މީގެ ތެރޭގައި 15،566 ރިސޯޓާއި، 1،604 ހޮޓަލުގެ އިތުރުން، 7،694 ގެސްޓްހައުސް ހިމެނެއެވެ.

މިއަހަރުގެ މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރި 387،594 ފަތުރުވެރިންނާއި، ވިޔަފާރީގެ އެކި ބޭނުންތަކަށް ޒިޔާރަތްކުރި 1،345 ފަތުރުވެރިންގެ އިތުރުން، ކްރޫޒްލައިނަރތަކުން ރާއްޖެއަށް ޒިޔާރަތްކުރި 1،065 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,959 ފަތުރުވެރިން އާދެއެވެ. މި މަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް ވަނީ 11,136 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ދުވަހެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.