ޚަބަރު

ބްރޫޖާ އެއްވަރުވެ އެތުލެޓިކޯއަށް އިތުރު އިންތިޒާރެއް


  • މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެން

  • ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދާ ދެވަނަ ލެގު އޮންނާނީ 24 ވަނަ ދުވަހު

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކްލަބް ބްރޫޖާ ދެކޮޅަށް، މުބާރާތުގެ ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ކުޅެ އެއްވަރުވުމުން، ގަދަ 16 އަށް ދަތުރުކުރުމަށް ކުރަމުން އައި އުއްމީދުގައި އެތުލެޓިކޯ މެޑްރިޑަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ގަދަ 16 ގެ ސީދާ ޖާގައަކަށް މަސައްކަތް ކުރަމުންދިޔަ އެތުލެޓިކޯއަށް، ލީގު ތާވަލުގައި ލިބުނީ 14 ވަނައެވެ. ގަދަ 16 ގެ ސީދާ ޖާގައެއް ހޯދަން، ތާވަލުގެ ގަދަ 8 ގައި ހިމެނެން ޖެހެއެވެ. ގަދަ 8 ގައި ނުހިމެނިއްޖެނަމަ ދެން ގަދަ 16 ގެ ޖާގައެއް ލިބެން އޮތީ ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފްގައި އެތުލެޓިކޯއިން ކްލަބް ބްރޫޖްއާ ދެކޮޅަށް ނުކުތްއިރު މި މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް އެތުލެޓިކޯއިންނެވެ. ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި، ލ؛ިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓީކޯއިން އިތުރު ލަނޑެއް ޖަހައި ލީޑުފުޅާކުރިއެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑެމޯލާ ލުކްމަން އެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެގެން އެތުލެޓިކޯއިން ދެވަނަ ހާފު ފެށި ނަމަވެސް، މި ހާފުގެ މޮޅަށް ކުޅެ، ރަނގަޅު އެޓޭކުތަކެއްކޮށް ބްރޫޖް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި ރަފައެލް އޮންޔެޑީކާގެ ލަނޑުން ބްރޫޖް އިން ފަރަގު ކުޑަކުރިއިރު، އޭގެ ނުވަ މިނެޓުފަހުން އެ ޓީމަށް ނަތީޖާ ހަމަހަކޮށްދިނީ ނިކޮލޯ ޓްރެސޯލްޑީއެވެ. ބްރޫޖް އިން ނަތީޖާ ހަމަހަމަކުރުމުން އެތުލެޓިކޯއިން އަލުން ލީޑުނެގުމަށް ކުރި މަސައްކަތުގައި، 79 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވުނެވެ. މިއީ ބްރޫޖްގެ ޖޮއެލް އޮރްޑޮނިއޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވ.

މި ލަނޑާއެކު މޮޅުވުމުގެ އުއްމީދުގައި އެތުލެޓިކޯއިން ކުޅެމުން ދަނިކޮށް، 89 ވަނަ މިނެޓުގައި ބްރޫޖް އިން އަނެއްކާވެސް ލަނޑެއް ޖަހައި އެތުލެޓިކޯގެ އުއްމީދުތަކަށް ނިމުން ގެނުވިއެވެ. މި ލަނޑު ބްރޫޖަށް ކާމިޔާބުކޮށްދިނީ ކްރިސްޓޮސް ޒޮލިސްއެވެ.

މި ނަތީޖާއާއެކު، މި ދެ ޓީމުންކުރެ ރައުންޑް އޮފް 16 ގެ ޖާގައެއް ލިބޭނެ ޓީމެއް އެނގޭނީ ޕްލޭ އޮފްގެ ދެވަނަ ލެގަށްފަހުއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅޭ އެ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.