ޚަބަރު

800 މީހުންގެ ޖާގައަށްވުރެ ބޮޑު މިސްކިތްތައް އޭސީކޮށް ނިންމާލައިފި


  • މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ މި މަސައްކަތް ރޯދައިގެ ކުރިން ނިންމަވާނެކަމަށް ވިދާޅުވެފައި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ، މާތް ﷲގެ ގެކޮޅުތައް ކަމަށްވާ މިސްކިތްތައްކަން ފާހަގަކުރައްވާފައެވެ. އަދި މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައްކަމަށާއި، އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި އެ ޒީނަތްތެރިކަން ސައްތައިންސައްތަ ދިވެހިރާއްޖެއިން ވަރަށް ފުރިހަމައަށް ފެންނަންވާނެކަމަށެވެ. މިބަސްފުޅުތަކުންވެސް އިސްލާމްދީން ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުކަން ފާހަގަވާއިރު، ވޭތުވެދިޔަ އަހަރު، 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރްއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު، މުޅިއެކު 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިސްކިތްތައް އަޅައި ހުޅުވުމުގެ އިތުރުން، ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދެއްވައެވެ. ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި، ރޯދައިގެ ކުރިން އޭސީ ކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ.

"މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އިރާދަކުރެއްވިއްޔާ އޭސީ ކުރެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ފަދައިން ރޯދަމަސް ފެށިގެން ދިޔައީ 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި އޭސީކުރުމަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށްފަހުއެވެ. ރައީސްގެ ވަޢުދާއި އެއްގޮތަށް އޭސީކޮށްފައިވަނީ ޖަލާލުއްދީން މިސްކިތާއި، ފުރުޤާން މިސްކިތާއި، ވިޔަފާރިވެރިންގެ މިސްކިތުގެ އިތުރުން ހުޅުމާލެ ޢުމަރު ބިން ޚައްޠާބު މިސްކިތެވެ. ރައީސްގެ ވަޢުދާއި މި 4 މިސްކިތް އޭސީކޮށް ނިންމާ، ރެއިން ފެށިގެން ވަނީ ބޭނުން ކުރަން ފަށާފައެވެ. މި މިސްކިތްތަކުގެ ނަމާދު ކުރާ މައި ހޯލާއި، އަންހެނުން ނަމާދު ކުރާ ބައި ވަނީ އޭސީ ކުރެވިފައެވެ. މިއީ މި މިސްކިތްތަކުގައި އަޅުކަމުގައި ވަގުތު ހޭދަކުރައްވާ ބޭފުޅުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެއްކަން ސަރުކާރުން ޤަބޫލުކުރައްވައެވެ.

މިސްކިތްތައް އެޅުމާއި މަރާމާތުކޮށް، އިސްލާމްދީން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާއިރު، ނިމިދިޔަ އަހަރު 19.4 މިލިއަން ރުފިޔާ، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކުރެއްވިއެވެ. އަދި މިއަހަރު 15 މިލިއަން ރުފިޔާ، މިސްކިތްތައް މަރާމާތު ކުރުމަށް ވަނީ ހަމަޖައްސަވާފައެވެ. އަދި މި އަހަރު، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެއެވެ. މީގެ ތެރެއިން، 3 މަރުކަޒެއްގެ އެއްބަސްވުމުގައި މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ވާނީ ސޮއިކޮށްފައެވެ. ހަމައެހެންމެ، މި އަހަރު އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތްވެސް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.