ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ތާރިޤް ރަޙްމާނާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގައި ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތާރިޤް ރަޙްމާންއާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އަދި، ދެޤައުމުގެ ބަދަހި ގުޅުމާއި، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި، މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމާއި، ޞިއްޙީ، ތިމާވެށި، މަތީ ތަޢުލީމް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ، 22 ސެޕްޓެންބަރު 1978 ގައެވެ.