ރަމަޟާން މަހު މާލޭގެ ޓްރެފިކް ބަލަހައްޓާނީ ބާރު ބޮޑުވާ 5 ސަރަޙައްދަކަށް އިސްކަންދީގެން ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުގެ 'ޓްރެފިކް އޮޕަރޭޝަންސްގެ ހެޑް' ތަލްއަތު އިބްރާހިމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިގޮތަށް ހަމަޖައްސާފައިވަނީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް އާންމުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ކޮށްދިނުމަށް ކަމަށެވެ.
އެގޮތުން ޓްރެފިކް ބެލެހެއްޓުމަށް ކަނޑައެޅި ފަސް ސަރަޙައްދަކީ ބާޒާރު ސަރަޙައްދާއި، ސްކޫލުތަކާއި މިސްކިތްތައް ހިމެނޭ ސަރަޙައްދުގެ އިތުރުން ބާރު ބޮޑު ބޮޑެތި މަގުތަކާއި، ބްރިޖާއި ހައިވޭއެވެ. މީގެ އިތުރުން، މަގު ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށްވެސް ހަމަޖެހިފައިވާ ކަމަށް ތައްލަތު ވިދާޅުވިއެވެ.
ބްރިޖާއި ހައިވޭގެ ޓްރެފިކް ފްލޯ ރަނގަޅު ކުރުމަށްޓަކައި، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަރާތްތަކުން މޫންލައިޓް ހިނގުން ބޭނުންކުރުމަށް ތަލްއަތު ވަނީ އިރުޝާދު ދެއްވާފައެވެ.
"އެ ސަރަޙައްދުގެ ޓްރެފިކް ލައިޓް ގިނަ ވަގުތު ދިއްލިފައި ހުންނާނެ ގޮތަށް ވަނީ އިންތިޒާމުކޮށްފައި. އަދި ބައެއް ސަރަޙައްދުތަކުގައި ޑިވައިޑަރުތައް ޖަހައިގެން ޓްރެފިކް ޑައިވާޓް ކުރުމަށްވެސް ވަނީ ނިންމާފައި". ތަލްއަތު ވިދާޅުވިއެވެ.
މިސްކިތްތަކުގެ ކައިރީގައި ޓްރެފިކް ބާރުބޮޑުވާ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން 12 މިސްކިތެއް ފާހަގަ ކުރުމަށްފަހު، އެ މިސްކިތްތަކުގެ ކައިރީގައިވާ މަގުތައް ނަމާދު ވަގުތުގެ 15 މިނެޓު ކުރިން ބަންދުކުރާނެ ކަމަށްވެސް ތައްލަތު ވިދާޅުވިއެވެ.
" ޚާއްޞަކޮށް އަމީނީމަގާއި މަޖީދީ މަގުގައި ހުންނަ މިސްކިތްތަކަށް ދާ ފަރާތްތަކުން އުޅަނދު ޕާކު ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަކީ ވަރަށް ބޮޑު އެދުމެއް" ތަލްއަތު ވިދާޅުވިއެވެ.
މާލޭގެ ބާރުބޮޑުވާ ސަރަޙައްދުތަކުގައި ފުލުހުން އަބަދުވެސް ހަރަކާތްތެރިވަމުންދާނެ ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ޚާއްޞަ ގަޑިތަކަށް އުޅަނދު ދުއްވާ ފަރާތްތަކުން އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް ތަލްއަތު އިބްރާހިމް ފާހަގަކުރެއްވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ، ހަ ރޯދަ ނިމެންދެން ގްރޭޓަރ މާލެ ސަރަޙައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި، މުދާ އުފުލުން މަނާ ގަޑިތައް ޢާންމުކޮށްފައެވެ.
އެގޮތުން ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލު މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލާ އުޅަނދުތައް ދަތުރު ކުރެވޭނީ، ހެނދުނު 8:00 އިން 9:30 އަށެވެ. އަދި 16:30 އިން 20:00އަށް މުދާ އުފުލުން މަނާވާނެއެވެ.
ތަލްއަތު ވިދާޅުވީ، މި ބަރަކާތްތެރި ރަމަޟާން މަހު މަގުމަތީގެ ހާދިސާތައް ވީހާވެސް މަދުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.