ދުންފުހުންގެ އަސަރު މިއަދު މާލެ ސަރަޙައްދުގައި 2 ކިލޯމީޓަރަށް ދަށްވެފަވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ދުންފުހުގެ އަސަރު މުޅި ރާއްޖެއަށްވެސް މިއަދު ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ.
ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް ދުން ފުހުންގެ އަސަރު ނުރައްކާ މިންވަރަށް ކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިންޒާރު ނެރެފައެވެ.
އެގޮތުން މިއަދު އެންމެ ބޮޑަށް ވައި ނުސާފީ މާލެ ސަރަޙައްދަށެވެ. އެންމެ ބޮޑަށް ވައި ނުސާފީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށެވެ.
• މާލެ – 2 ކިލޯމީޓަރު
• ހަނިމާދޫ – 3 ކިލޯމީޓަރު
• ކައްދޫ – 4 ކިލޯމީޓަރު
• އައްޑޫ – 7 ކިލޯމީޓަރު
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް 2-3 ދުވަހުވެސް މުޅި ރާއްޖެއަށް ވައި ނުސާފުވާނެކަމަށެވެ. ކޮންމެއަހަރަކު، އިރުވައި މޫސުމުގައި ކުރިމަތިވާ ދުންފުސްކަމުގެ މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.
ވައިނުސާފު މިންވަރު ހުރީ އާއްމު ސިއްޙަތަށް ނުރައްކާވަ މިންވަރުގައެވެ. މިއާއެކު، ސިއްޙީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިންވެސް ވަނީ އިލްތިމާސް ނެރެފައެވެ. ޚާއްސަކޮށް ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ފުއްޕާމޭގެ އެކި ބަލިތަކާއި ބޮޑެތި ބަލިތައް ތަޙައްމަލުކުރާ މީހުން ޚާއްސަ ސަމަލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
• ލޯ، ނޭފަތް، ކަރުތެރެ އަދި ހަންގަނޑު ހިރުވުން
• ބޮލުގަ ރިއްސުމާއި، ނާޒުކު ފަރާތްތަކުން ބޯ އެނބުރުން
• ކެއްސުމާއި ނޭވާލުމަށް އުނދަގޫވުން
• ނޭވާލާ ނިޒާމުގެ ބަލިތަކާއި ނޭވާހިއްލުން އިތުރުވުން
• ހިތުގެ ބަލިތައް ހުންނަ މީހުން ބަލި އިތުރަށް ގޯސްވުން
• ނޭވާހިއްލުން ނުވަތަ ފުއްޕާމޭގެ ބަލިތަށް އިތުރަށް ގޯސްވުން
މިކަމުން ރައްކާތެރިވުމަށް، ބޭރަށް ނިކުމެ އުޅޭ މިންވަރު ވީހާވެސް ބޮޑަށް މަދުކުރުމާއި ބޭރަށް ނިކުންނަ ޙާލަތުގައި މާސްކު ބޭނުންކުރުން ރައްކާތެރިއެވެ.