ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ސަރަޙައްދެއް ޔަހޫދީ ދައުލަތުގެ ނަން މައްޗަށް ރަޖިސްޓްރީކުރުމަށް ޔަހޫދީ ސަރުކާރުން ނިންމުމާއި ގުޅިގެން ދިވެހިސަރުކާރުން އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތައް އިސްރާއީލުގެ ނަން މައްޗަށް ރަޖިސްޓްރީކުރުމަށް އިސްރާއީލުން ހިންގާ ޢަމަލީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފުކަމެއްކަމަށެވެ. އަދި މިއީ ފަލަސްޠީނުގެ ބިމާއި އަދި ގެދޮރަށް ގަދަކަމުން ވެރިވެގަތުންކަމަށާއި، ފަލަސްޠީނު ރައްޔިތުންގެ ޙައްގުތަކަށް މި އަމަލުގެ ސަބަބުން އިތުރަށް ގެއްލިގެންދާނެކަމެއްކަން ދިވެހި ސަރުކާރުގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އަސަރުކުރުވުމާ މިފަދަ ނިންމުންތަކާއެކު ދެފަރާތުގެ ދެމެދުގައި ސުލްޙަ ޤާއިމުކުރުމަށްކުރާ މަސައްކަތްތަކަށް ހުރަސްއެޅިގެންދާކަމަށް ޚާރިޖީ ބަޔާނުގައި ވިދާޅުވިއެވެ. އަދި އިސްރާއީލުގެ ޤާނޫނުތަކާއި ޚިލާފު މިޢަމަލު ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުންވަނީ ގޮވާލައްވާފައެވެ. އަދި އދ.ގެ ޤަރާރުތަކާއި މުޢާޙަދާތަކާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގަހައްޓާ އިންސާފު ޤާއިމުކުރުމަށް މަސައްކަތްކުރުމަށްވަނީ ގޮވާލައްވާފައެވެ.
Statement by the Government of Maldives strongly condemning Israeli Occupation’s Decision to Convert West Bank Lands into So-Called “State Property”
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 16, 2026
🔗 Statement | https://t.co/4ApnP1MReO pic.twitter.com/BrylNrzSG5
ދިވެހި ސަރުކާރުގެ ބަޔާނުގައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ރައްކާތެރިކަމާއި ޙައްގުތައް ކަށަވަރުވާންޖެހޭކަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށްކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށްވެސްވަނީ ވިދާޅުވެފައެވެ.
އިސްރާއީލުން ނިންމާފައިވަނީ އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ސަރަޙައްދެއް ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށެވެ. ފަލަސްޠީނުގެ ބިންތައް ފޭރިގަނެ އެބިންތައް އިސްރާއީލުގެ ނަންމައްޗަށް ރަޖިސްޓްރީކޮށްފައިވަނީ 1967 ވަނަ އަހަރުގެ ކުރިންނެވެ. މިއީ އުނދަގޫ އަދި ދިގު މަރުޙަލާ ތަކެއް ހިމެނޭ ކަމެއްކަމުން އިސްރާއީލުން ވަނީ 59 އަހަރުގެ ތެރޭގައި އެކަން ހުއްޓާލާފައެވެ. ބައިނަލްއަޤްވާމީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޤައުމެއް އިސްތިއުމާރުކޮށްފައިވާ ބަޔަކަށް އެ ސަރަޙައްދުގެ ބިމުގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ.