އިޓާލިއަން ލީގުގައި ނަޕޯލީއާއި ރޯމާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ރޯމާއިން ވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޮންޔެލް މެލަން އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 40 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނާޑޯ ސްޕިނަޒޯލާއެވެ.
ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން ދެވަނަ ހާފު ފެށިއިރު މި ހާފުގައި ވެސް ފުރަތަމަ ލަނޑު ޖެހީ ރޯމާއިންނެވެ. މި ލަނޑު ވެސް، ލިބުނު ޕެނަލްޓީއެއްގައި ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިން މެލަން އެވެ.
ނަޕޯލީއަށް ދެވަނަ ފަހަރަށް މެޗުގައި ނަތީޖާ ހަމަހަމަކޮށްދިނީ 82 ވަނަ މިނެޓުގައި އެލިސަން ސަންޓޯސް އެވެ.
މި ނަތީޖާއާއެކު ނަޕޯލީ އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލުގެ ތިންވަނައިގައި އޮތީ 25 މެޗުން 50 ޕޮއިންޓު ހޯދައިގެންނެވެ. ހަތަރުވަނައިގައި ރޯމާ އޮތީ 25 މެޗުން 47 ޕޮއިންޓާއެކުއެވެ.