ޚަބަރު

އައު މެންބަރުންނާއެކު ޤާނޫނީ ފަންނުގެ ދާއިރާގައި 1913 ވަކީލުން


  • މިދިޔަ އަހަރު ޤާނޫނީ ފަންނުގެ ދާއިރާއާ އަލަށް ގުޅުނީ 81 މެންބަރުން

  • ބާ ކައުންސިލުގެ ރައީސް ވަނީ މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރި

  • ބާކައުންސިލުގެ އަހަރީ އާންމު ޖަލްސާގައި ވަނީ މުހިންމު ރިޕޯޓުތައް ފާސްކޮށްފައި

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ. ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާއަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބޭއްވުން ލާޒިމް ކުރާ މުހިއްމު ބައްދަލުވުމެކެވެ.

ޤާނޫނޫގެ 24ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ 60 ދުވަހުގެ ތެރޭގައި ބާ ކައުންސިލުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު، ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.

މި ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ އާމްދަނީއާއި ޚަރަދުތަކާއި ޤާނޫނީ ޚިދުމަތުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކައި ކުރިއަށް އޮތް އަހަރަށް ލަފާކުރާ އާމްދަނީއާއި ޚަރަދާއި ކުރިއަށް ރާވާފައިވާ މަސައްކަތްތައް ހިމަނާފައިވާ އަހަރީ ރިޕޯޓާއި ބާ ކައުންސިލުގެ އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތައް ޖަލްސާއަށް ހުށަހަޅައި ފާސްކޮށްފައެވެ.

މި ޖަލްސާގައި ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛް ހުސައިން ސިރާޖް ވަނީ 2025ވަނަ އަހަރު ޤާނޫނީ ދާއިރާ ހަރުދަނާ ކުރުމަށް ބާ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރު ކުރި އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި ޤާނޫނީ ފަންނުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ(ޑ)ގެ ދަށުން އާންމު މަސްލަޙަތާއި ގުޅުންހުރި ޤާނޫނީ ނުވަތަ ދުސްތޫރީ ކަންކަމުގައި ބާ ކައުންސިލުގެ ރަޢުޔު ހާމަކުރުން ހިމެނޭކަން ސިރާޖް ފާހަގަކުރެއްވިއެވެ.

މިއަހަރަށް ބާ ކައުންސިލުގެ މަސައްކަތްތައް ރާވާފައިވަނީ ރާއްޖޭގެ ޤާނޫނޫ ފަންނުގެ ދާއިރާ ހަރުދަނާ ނިޒާމެއްގެ ދަށުން ތަރުތީބުކޮށް ރެގިއުލޭޓްކުރުމުގެ މައްޗަށްކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން ޤާނޫނީ ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި އަޚުލާޤީ ހަމަތައް ކަށަވަރުކުރުމުގެ އިތުރުން ޤާނޫނީ ވަކީލުންގެ ހުނަރާއި މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ދައިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން ރާއްޖޭގައި ދެވޭ ޤާނޫނީ ތަޢުލީމުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފަހައްޓައި ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމައި އިންސާނީ ޙައްގުތައް ރައްކާތެރިކުރުމާއެކު އާންމު މަސްލަޙަތު އިސްކޮށް އަދުލުއިންސާފު ދެމެހެއްޓުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި ބާ ކައުންސިލުގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ބާ ކައުންސިލުގެ އެކި ހަރަކާތްތަކުގައި މެންބަރުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަކީވެސް މިއަހަރުގެ އެއް އަމާޒުކަމަށްވެސް އެ ކައުންސިލުން ވިދާޅުވިއެވެ.

ބާ ކައުންސިލުން ހިއްސާކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ޤާނޫނީ ފަންނަށް އަލަށް 81 މީހަކު ގުޅުނުއިރު މީގެ ތެރެއިން ގިނައީ އަންހެނުންނެވެ. މިއާއެކު ޤާނޫނީ ފަންނުގެ ދާއިރާގައި 1913 މެންބަރުން އެބަތިއްބެވެ.

މިދިޔަ އަހަރު މަތީ މަރުހަލާތަކުގެ ކޯޓުތަކުގެ ތެރެއިން ސްޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ފުރުޞަތު 308 މީހަކަށް ދީފައިވާއިރު ހައިކޯޓުގައި ވަކާލާތު ކުރުމުގެ ފުރުޞަތު 466 މީހަކަށް ވަނީ ދީފައެވެ. ރެގިއުލޭޓް ކުރުމަށް ބަލާއިރު މިދިޔަ އަހަރު ލޯ ފާމްގެ ގޮތުގައި 17 ތަނެއް އަލަށް ދަފްތަރު ކުރިއިރު ޖުމުލަ 155 ތަނެއް ލޯފާމްގެ ގޮތުގައި ހިންގަމުން އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ބާ އިމްތިހާނުގެ އެކި ޕްރޮގްރާމްތައް 235 މީހަކު ވަނީ ފުރިހަމަކޮށްފައެވެ.

މިދިޔަ އަހަރު ސުލޫކީ މައްސަލަތަކުގެ ތެރެއިން 28 މައްސަލައެއް އެ ކައުންސިލަށް ހުށަހެޅިއިރު 17 މައްސަލައެއް ބެލުމަށް ނިންމިއެވެ. އަދި އަހަރު ނިމުނު އިރު އެ ކައުންސިލުން 45 މައްސަލައެއް ބަލަމުން ދިޔައިރު 4 މައްސަލައެއް ވަނީ ނިންމާފައެވެ.