އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި އެކްސްޕޯ ބ. އޭދަފުށީގައި ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.
ރާއްޖޭގެ އަތޮޅުތެރޭގެ ރަށެއްގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ އޭދަފުށީގައި ބޭއްވުމަށްޓަކައި، ހައިރައިޒް ޕްރައިވެޓް ލިމިޓެޑާއި، ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލާ ދެމެދު މިއަދު ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ، މިއަދު ހަވީރު މާގިރި ހޮޓެލުގެ މުރަކަ މާލަމުގައެވެ.
މި އެއްބަސްވުމުގައި އޭދަފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހެވެ. ބ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިކްރާމްއެވެ. ހައި ރައިޒުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ މަރިޔަމް މާއިޝާއެވެ. މިއީ، މާލެއިން ބޭރުގައި މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމަށް ސޮއިކުރި ތާރީޚީ އެއްބަސްވުމެކެވެ.
މި އެކްސްޕޯއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙު ވިދާޅުވީ، މިއީ ރާއްޖޭގެ ރަށެއްގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯ ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން އޭދަފުށީގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ވިޔަފާރިތަކަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އެކްސްޕޯއަކީ، މާލޭގެ ބޮޑެތި ކުންފުނިތަކަށާއި މަޝްހޫރު ބްރޭންޑްތަކަށް، އަތޮޅުތެރޭގެ މާކެޓަށް ވަނުމަށް ލިބޭނެ ރަނގަޅު ފުރުޞަތެކެވެ. މި އެކްސްޕޯގެ ސަބަބުން ވިޔަފާރިވެރިންނާއި، ކަސްޓަމަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރަފް ކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި އެކްސްޕޯގައި ބައިވެރިވާ އެކި ޕާޓްނަރުންވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ. މިއެކްސްޕޯގެ މެއިން ސްޕޮންސަރގެ އިތުރުން ސިލްވަރ ސްޕޮންސަރަކީ، ބ. އޭދަފުށީ ރެޑް ސްޓާއެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ހަމަޖައްސާފައިވާއިރު، ސައުންޑް އެންޑް ލައިޓްނިންގް ޕާޓްނަރަކީ މޯލްޑިވްސް މޫވްމެންޓްސްއެވެ. އަދި ޓެކްނޮލޮޖީ ޕާޓްނަރަކަށް 'ފައި-އެސް ސިސްޓަމްސް' ހަމަޖައްސާފައިވާއިރު، ޓެބްލޮއިޑް ޕާޓްނަރަކީ އައިލެންޑް ޗީފެވެ. މި އެކްސްޕޯގައި ބައިވެރިވާ ފުރަތަމަ ފަރާތަކީ، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއެވެ. މިއެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށް ހައިރައިޒުން ވިދާޅުވެއެވެ.
އޭދަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙު ވިދާޅުވީ، މި އެކްސްޕޯގެ ސަބަބުން އޭދަފުށީގެ އިތުރުން މުޅި ބ. އަތޮޅުގެ ފަތުރުވެރި ކަމަށާއި، ވިޔަފާރީގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ހައި ރައިޒާއި ކައުންސިލްތައް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ، އަތޮޅުތެރޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، ކުރިއަށް އޮތް ރޯދަމަސް ނިމުމަށްފަހު، އީދު ޝޯވއަކާ އެކުގައި ހަ ރޯދައިގެ ފަހުންނެވެ.