ފޭސްބުކް މަރކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ، ގއ.ގެމެނަފުށި، ރަންކޮކާގެ އުމުރުން 36 އަހަރުގެ ނަދީފް މުޙައްމަދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ނަދީފް ހައްޔަރުކޮށް ބަލާފާސްކުރުމުން ކޭޝް ކާޑުތަކާއި، ސިމް ކާޑުތަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ނަދީފް ޙައްޔަރުކޮށްފައިވަނީ، ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެކަމަށް ބުނެ އޮޅުވައިލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އަކައުންޓަށް ޖަމާކުރެވިގެން ނަގާފައިވާ މައްސަލައާއި ގުޅިގެން ކަމުގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ނަދީފްއަކީ މިފަދަ ސްކޭމްތައް ރާވާ، ހިންގުމާއިި، ސްކޭމް ނޭޓުވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއްކަމުގައި ޤަބޫލުކުރެވޭ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މީގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މުދާ ވިއްކާކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދާ އިތުރު މައްސަލައެއްގައި ބިދޭސީއަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ނަކުލު ކޭ ސީއެވެ. ފޭސްބުކް މަރކެޓް ޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެކަމަށް ބުނެ އޮޅުވައިލައިގެން ފައިސާ ހޯދި މައްސަލައާއި ގުޅީގެން އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ ބަންދެއްގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
ސްކޭމް ނެޓުވޯކުތަކުން ހޯދާ ފައިސާ ދައުރުކުރުމުގައި އިސްކޮށް އުޅޭ ފަރަތްތައް ހޯދުމަށް ފުލުހުންދަނީ ޙާއްސަ މަސައްކަތްތަކެއް ކުރުމުންކަމަށާއި، މި 2 މައްސަލަ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ހަމައެއާއެކު، ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައެވެ.