ޚަބަރު

ނިއުރޭޑިއަންޓް ބިނާކުރަނީ ކުލަބު ދެމި އޮންނަ ގޮތަށް: މުޖުތަބާ


  • ކުލަބަށް ފައިސާ ވަންނަ މޮޑެލަކަށް ހިންގުމުގެ ދިރާސާތައް ދަނީ ކުރަމުން

  • އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ދަރަންޏެއް އަދާކުރުން

ނިއުރޭޑިއަންޓްގެ މިހާރުގެ މެނޭޖުމެންޓުން އެ ކުލަބު ބިނާކުރާނީ މާދަމާ އެބޭފުޅުން މަގާމުގައި ނެތަސް ނިއުރޭޑިއަންޓް އޮންނަ ގޮތަށް ކަމަށް އެކުލަބުން ބުނެފިއެވެ.

އެކުލަބުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުލަބުގެ ސީނިއާ ވައިސް ޗެއާމަން، މުޖުތަބާ ޖަލީލް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅަ ކުލަބުތައް ހިންގޭނީ އެކުލަބަކަށް އާމްދަނީ ވަންނަ މޮޑެލެއްގެ ދަށުން ހިންގައިގެން ކަމަށެވެ.

"ސަސްޓެއިން ކުރުމަށް އޮތް މޮޑެލަކީ މަގާމުގައި އަޅުގަނޑުމެން މާދަން ނެތަސް ނިއުރޭޑިއަންޓް އޮންނަ ގޮތަށް. ކުލަބަށް ފައިދާވާ ގޮތަށް. ސަވައިވްވާ ވަރު އިންކަމެއް ވަންނަ މޮޑެލެއް. އެހެންނޫނީ މެނޭޖްމެންޓް ބަދަލުވާއިރު އަޑިއަޅާލައިގެން ދާނެ." މުޖުތަބާ ވިދާޅުވިއެވެ.

އައު ބޯޑުން ކުލަބާއި ހަވާލުވިއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ދަރަނިތަކެވެ. އަދި ކުޅުންތެރިންގެ އިތުބާރާއި ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދުމެވެ. އެކަން ކުރުމަށް އެ ކުލަބުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ކުލަބު ކޮޅަށް ޖެހުމަށް އައު ކޮންގްރެސް ބާއްވާ އެކުލަބުގެ ޗެއާމަނަށް އަޙްމަދު މުބީން އިންތިހާބުކޮށް އައު ހިންގާ ކޮމިޓީ އިންތިޙާބުކުރީ 20 ނޮމެވްބަރު 2024 ގައި ބޭއްވި އައު ކޮންގްރެސްގައެވެ.

އެ ކޮންގްރެސްގައި ސީނިއާ ވައިސް ޗެއާމަނަކަށް އިންތިޚާބުކުރީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަލީ އިބްރާހީމާއި، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. ވައިސް ޗެއާމަނަކީ އަލީ ރަޝީދެވެ. އަދި ލީގަލް ކައުންސިލްގެ މަގާމަށް އިންތިޚާބުކުރީ މާޒިން ހުސެއިން އިބްރާހީމެވެ.

މި ހިނގާ ފުޓްބޯޅަ ސީޒަން ފެށިއިރު ނިއުރޭޑިއަންޓު އޮތީ ދެވަނަ ޑިވިޝަނުގައެވެ. އެހެންނަމަވެސް އެފްއޭއެމުން ވަނީ ލީގު ފެށެން މަހެއްހާ ދުވަހަށް ވެފައިވަނިކޮށް، ކުރިން އެއްވަނަ ޑިވިޝަނުގައި އޮތް ސުޕަ ޔުނައިޑެޓް ސްޕޯޓްސްއަށް ލީގުގައި ނުކުޅެވޭނެކަން އެންގުމުން 2025/2026 ސީޒަނުގައި އެއްވަނަ ޑިވިޝަނަށް ނިއު ޕްރޮމޯޓްކޮށްދީފައެވެ.

އަދި ކުރީގެ މަގާމަށް ރުޖޫއަވުމަށް އެ ކުލަބުން ޓީމެއް އެކުލަވާލާ ހެޑް ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން ހަމަޖެއްސިއެވެ. އޭނާގެ އިރުޝާދުގެ ދަށުން ނިމިގެން ދިޔަ ދިވެހި ޕްރިމިއާ ލީގު އެ ކުލަބުން ނިންމާލީ ތާވަލުގެ 3 ވަނައިގައެވެ.

މިހާރުވަނީ އެކުލަބުގެ އެކަޑަމީތައް ރަށްރަށުގައި ހިންގަން ފަށާފައެވެ. އަދި ބާސެލޯނާ އާއި ރެއާލް މެޑްރިޑުން އެކަޑަމީ ހިންގާ ވައްޓަފާޅިއާއި އެގޮތަށް އެކަޑަމީ ހިންގުމަށް ވަނީ މަސައްކަތް ފަށާފައެވެ.

އެކަޑަމީގެ އޮނިގަނޑު ތައްޔާރުކުރީ އެ ކުލަބަށް ޖެނުއަރީ 2026 ން ފެށިގެން އިރުޝާދުދެމުން އަންނަ އައު ޓެކްނިކަލް ޑައިރެކްޓަރ، ސްޕެއިންގެ އަންދްރޭ ފްރާންސެސްކޯ މެނުއެލްއެވެ.

ގާތްގަނޑަކަށް 8 މިލިއަނެއްހާ ރުފިޔާގެ ދަރަނި ވާރުތަވެފައި އޮތެވެ. އެހެންނަމަވެސް މިހާރު އެ ކުލަބުން ވަނީ ގާތްގަނޑަކަށް އޭގެ ދެބައިކުޅަ އެއްބައި ދައްކާ ހަލާސްކޮށްފައެވެ. ކުލަބުގެ ޗެއާމަން މުބީން ވިދާޅުވީ އަމާޒަކީ މިއަހަރުގެ ނިޔަލަށް ދަރަނިން ސަލާމަތްވުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ މިއަހަރު ނިމުމުގެ ކުރިން ދަރަނިތައް އެއްކޮށް ނިންމާލުން. ދަރަނި ދައްކަން ކުލަބަށް އާމްދަނީ ލިބޭނެ މަގު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން މިދަނީ. އޭގެ ފިސިބިލިޓީއެއް ހަދަމުން މިދަނީ" މުބީން ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާރުވަނީ ބޭރު ކުޅުންތެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއްދީ ހަލާސްކޮށްފައެވެ. ބާކީ ހުރީ ދިވެހި ކުޅުންތެރިންނަށް ދޭން ހުރި ފައިސާއެވެ. އޭގޭ އިތުރުން ކައުންސިލުތަކާއި ގެސްޓްހައުސްފަދަ އެކި އެކި ތަންތަނުން ހޯދާފައިވާ ހިދުމަތްތަކަށް ނުދެވި ހުރި ފައިސާކަމަށް މުބީން ވިދާޅުވިއެވެ.

ކޮންމެ މަހަކުވެސް ކުލަބަށް އާމްދަނީ ވަންނަވަރަކުން މިހާރު އެ ދަރަނިތައް ދައްކަމުންދާކަމަށްވެސް މުބީން ވިދާޅުވިއެވެ.