"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" ގެ ނަމުގައި އާދިއްތަ ދުވަހުގެ ރޭ ބާއްވާ އެވޯޑް ހަފްލާއަކީ 2024 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑް ހަފްލާއެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ އާދިއްތަދުވަހުގެރޭ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" ބޭއްވި ނަމަވެސް 2025 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑު ހަފުލާ، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026" މިއަހަރުގެ ފަހުކޮޅު އޮންނާނެ ކަމަށެވެ.
އަދި 2024 ވަނަ އަހަރުގެ ކާމިޔާތައް ފާހަގަކުރާ އެވޯޑް ހަފްލާ 2025 ގައި ބާއްވަން މަސައްކަތް ކުރިނަމަވެސް އެކި ސަބަބުތަކާހުރެ އެވޯޑް ހަފްލާ ވަނީ މިއަހަރަށް ފަސްކުރެވިފައި ކަމަށް އެވުޒާރާއިން ބުނެއެވެ.
2024 ވަނަ އަހަރު އެންމެ ފާހަގަ ކުރެވޭ އެތުލީޓުންނާއި އެހެނިހެން މަގާމުތަކަށް ވާދަކުރާ ނޮމިނޭޝަންސްތައް ކުޅިވަރު ވުޒާރާއިން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އެ ނޮމިނޭޝަންސްތަކަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާއިރު އެކަން ސާފުކޮށްދީ އެ ވުޒާރާގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މި ހަފްލާއަކީ 2024 ވަނަ އަހަރުގެ ކާމިޔާބީތަށް ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށެވެ.
އެހެންކަމުން އެ ވުޒާރާއިން މަސައްކަތް ކުރައްވަމުން ދަނީ މިއަހަރުގެ ފަހުކޮޅު 2025 ގެ ކާމީޔާބީތައް ފާހަގަކުރާ ކުޅިވަރު އެވޯޑު ހަފްލާ ބޭއްވުމަށެވެ.
2024 ގެ ސްޕޯޓްސް އެވޯޑްގެ ނޮމިނޭޝަންތަކަށް ފާޑުކިޔުންތައް ރައްދުވަމުންދާއިރު ނޮމިނޭޝަންތަކަކީ ސްޕޯޓްސް މިނިސްޓްރީގެ ދައުރެއް ހިމެނޭކަމެއް ނޫނެވެ. ހުރިހާ ކުޅިވަރެއްވެސް އަދި ނޫސްވެރިންނާއި ފޮޓޯ ގްރާފަރުންގެ އިތުރުން ކޯޗުންނާއި އޮފިޝަލުންގެ ނޮމިނޭޝަންތަކަކީވެސް ކުޅިވަރު އެސޯސިއޭޝަންތަކުގެ އަތްމަތީގައި އޮންނަ އެއްޗެކެވެ.
2024 ވަނަ އަހަރު އެ ކުޅިވަރުތަކުން އެންމެ ކާމިޔާބު އެތުލީޓުންނާއި، ކޯޗުންނާއި އެހެނިހެން މަގާމުތައް ހޮވުމަށް ބާއްވާ އެވޯޑު ހަފްލާ އޮންނާނީ 15 ފެބުރުއަރީވާ އާދިއްތަދުވަހުގެ ރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. މި ހަފްލާ ޕީއެސްއެމް އިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.