ޚަބަރު

އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެމްޕީއެލްގެ މެނޭޖުމެންޓުން: ޖީހާން


  • މިއީ ގާތްގަނޑަކަށް 4 މަސްދުވަހުގެ ބުރަ މަސައްކަތް

  • ޖީހާން ވަނީ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފަ

13 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އެމްޕީއެލްގެ މެނޭޖްމެންޓުގެ ފަރާތުން ކަމަށް މެންސް ސިންގަލްސްގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަން އިސްމާޢީލް ޖީހާން ބުނެފިއެވެ.

މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދި ޖީހާން ވަނީ ސިންގަލްސް އަދި ޓީމު އިވެންޓުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލްގައި ޖީހާން ވާދަކުރީ އެމްޕީއެލްގެ އަބުދުﷲ އަފީފްއާއެވެ.

ޖީހާން ބުނީ އެ މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ. އަދި މިއީ ގާތްގަނޑަކަށް 4 މަސްދުވަހުގެ ބުރަ މަސައްކަތް ކަމަށެވެ. އަދި ޗެމްޕިއަންކަން ހޯދުމަށް ކުރި މަސައްކަތަށް އެމްޕީއެލް މެނޭޖްމެންޓުގެ އިތުރުން ޓީމުގައި ހިމެނޭ އަބުދުﷲ އަފީފް ވަރަށް ބައިވަރު ގޮތްގޮތުން އެހީވެދިންކަން ޖީހާން ފާހަގަކުރިއެވެ.

ޖީހާން ބުނީ ކޯޗެއްގެ ގޮތުގައި އަބުދުﷲ ސައީދުވެސް އޭނާއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެމްޕީއެލްއެވެ. ފުރަތަމަ ޑިވިޝަނުގެ މެންސް ސިންގަލްސްގެ ދެވަނަ ހޯދީ އެމްޕީއެލްގެ ޢަބްދުﷲ އަފީފެވެ. ތިންވަނަ ހޯދީ އެމްއެންޑީއެފްގެ އަޙަމަދު ފަޒްލީނެވެ.

ފިރިހެން ސިންގަލްސްގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފްގެ މުޙައްމަދު މައުރޫފެވެ. 2 ވަނަ ހޯދީ އެމްޕީއެލްގެ ޢަބްދުﷲ އަފީފެވެ. ތިން ވަނަ ހޯދީ އެމްޕީއެލްގެ މުޙައްމަދު ދުންޔާޒްއެވެ.

ޓީމު އިވެންޓުގެ ފިރިހެން ޗެމްޕިއަންކަން އެމްޕީއެލް އަދި އަންހެން ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީން) އެވެ. ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން އެމްޕީއެލްއިން ހޯދިއިރު ރަނަރަޕްކަން ހޯދީ އެމްއެންޑީއެފުންނެވެ. ޓީމު އިވެންޓުގެ ތިންވަނަ ހޯދީ ޓީއެމްއޭއެވެ.

އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ސީއާރްސީން ހޯދިއިރު ދެވަނަ ހޯދީ ބީއެމްއެލްއެވެ. 3 ވަނަ ހޯދީ އެމްއެންޑީއެފްއެވެ.

އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ބީއެމްއެލްގެ ފާތިމަތު ރައުފާ މުހައްމަދު ހާފިޒެވެ. ރަނަރަޕްކަން ހޯދީ ބީއެމްއެލްގެ ފާތިމަތު ޝަމްނާ ޝަމޫންނެވެ. ތިންވަނަ ހޯދީ ސީއާރްސީގެ އާމިނަތު ހަލީމެވެ.

މި މުބާރާތް ކުރިޔަށް ގެންދިޔައީ މާލެ ޕޫލް ބިލިއާޑް ހޯލުގައި ފެބްރުވަރީ 3-10 ގެ ނިޔަލަށެވެ.

މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރިއެވެ. އެއީ ބީއެމްއެލް، ރައީސް އޮފީސް، އެމްއައިބީ، ސްޓެލްކޯ، އެމްއެންޑީއެފް، އެމްޑަބްލިއުއެސްސީ، ޓީއެމްއޭ، ސީއާރްސީ، އެމްޕީއެލް، އެސްޓީއޯ، ދިރާގު އަދި ސްޓެލްކޯއެވެ.