ބުރު ސްޕޯޓްސް ކުލަބަކީ ފަހުވަގުތާއި ހަމައަށްވެސް އުންމީދު އައުކޮށް މަސައްކަތްކުރާނެ ކުލަބެއްކަމަށާއި، ރެފްރީގެ ފަހު ކަށިގަނޑާއި ހަމައަށްވެސް އުންމީދު ދޫ ނުކުރާނެކަމަށް ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ.
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި މިމަހުގެ 10 ވަނަ ދުވަހު ބުރާއި ދެކޮޅަށް މާޒިޔާއާއި ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ނިޒާމް ބުނީ އެމެޗަކީ ފަސޭހަ މެޗެއް ނޫންކަމަށެވެ. ޓީމުގެ ފަރާތުން ފެނުން ކުޅުން ދަށްކަމަށް ފާހަގަކުރަމުން ނިޒާމް ބުނީ މެޗުގެ ތެރެއިން ވިއްސާރަވެހުމާއި ގުޅިގެން ބިދޭސީ ކުޅުންތެރިންނަށް ގޮންޖެހުންތަކާއި ކުރިމަތިވިކަމަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބުރުން ދެއްކި ކުޅުމާއި އަޅާބަލާއިރު، ދެވަނަ ހާފުގައި ފެނުނު ކުޅުން ތަންކޮޅެއް ރަނގަޅުކަމަށް އޭނާ ފާހަގަކުރިއެވެ. އެމެޗުގައި ފެނުނީ ބުރުގެ ހަގީގީ ކުޅުން ނޫންކަމަށް އޭނާ ބުންޏެވެ.
"މިމެޗު އެހާ ފަސޭހައެއް ނުވާނެ. ވަރަށް ބައިވަރު ފެކްޓާސްތައް ހުންނާނެ. މިއަދު ވަރަށް ދަށްކޮށް ފެށި ދުވަހެއް. ދެން އިނގޭ މިއަދު މޫސުމުގެ ގޮތުންވެސް އެހާ ފަސޭހައެއް ނުވާނެކަން. ހާއްސަކޮށް ފޮރިން ޕްލެޔާޒުންނަށް އެ ޗެލްންޖު އިންނާނެ. އެއީ ކަންނޭނގެ ބޮޑު އެއްޗަކީ. ހަމަގައިމުވެސް ބުރުގެ ގޭމެއް ނުކުޅެވޭ. ދެން ފަހު ހާފުގައި ތަންކޮޅު ރަނގަޅަށް، އެފޮޓް ލައިގެން ކުޅެން މަސައްކަތްކުރިތަން ފެނުނު" ނިޒާމް ބުންޏެވެ.
ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާއަށް ދެކޮޅަށް ބުރުން ކުޅުނު މެޗަކީ ދެޓީމުގެ ފަރާތުންވެސް މާ މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗެއް ނުވާއިރު، ދެ ޓީމުގެ ފަރާތުން ރަނގަޅު ހަމަލާއެއްވެސް މިމެޗުގައި އުފައްދާފައެއް ނުވެއެވެ.
މެޗަށް ނުކުތުމުގެ ކުރިން ޓީމުން އޮތީ ރަނގަޅަށްކަމަށް ކޯޗު ފާހަގަކުރިއިރު، މެޗަށް ނުކުތުމަށްފަހު ކުޅުންތެރިންނަށް ލާންނުޖެހޭވަރުގެ ޕްރެޝަރެއް ލެވެނީކަމަށް ކޯޗު ބުނެފަވެއެވެ. އެހެންކަމުން މެޗު ކާމިޔާބުކުރަން ބޭނުންވާނަމަ އޮޑީގެ ކުޅުންތެރިން އެކަން ރަނގަޅުކޮށްލަންޖެހޭކަމަށް ނިޒާމް ފާހަގަކުރިއެވެ.
"ތަންކޮޅެއް ބޮޑަށް މެޗުތަކަށް އަންނައިރު ކުޅުންތެރިން މާބޮޑަށް އަންނެސެސެރީ ޕްރެޝަރ ނަގަނީ ކަންނޭނގެ، ބޮޑަށް ބެލެވެނީ އެހެން. އެހެން ނޫންކަމަށްވާނަމަ އިއްޔެގެ ޓްރޭނިންގަވެސް ވަރަށް ރަނގަޅަށް ކުޅުންތެރިން ތިބީ. އަނެއްކާ މިއަދު މެޗަށްވެސް ނުކުތީ ވަރަށް ރަނގަޅަށް. މެޗުގައި އޭތި ފެނިގެން ދިޔައީ" ނިޒާމް ބުނެފަވެއެވެ.
މުބާރާތުގެ ފުރަތަމަ މެޗު ގެއްލުނުކަމަށްވިޔަސް މިހާ ހިސާބުން އަދި ބުރުގެ ހިތްވަރަކަށް ބަދަލެއް ނާންނާނެކަމަށް ނިޒާމް ބުންޏެވެ. އޭނާ ބުނީ ބުރު ސްޕޯޓްސް ކުލަބަކީ ފަހުވަގުތާއި ހަމައަށްވެސް އުންމީދު އައުކޮށް މަސައްކަތްކުރާނެ ކުލަބެއްކަމަށާއި، ރެފްރީގެ ފަހު ކަށިގަނޑާއި ހަމައަށްވެސް އޮޑިން އުންމީދު ދޫ ނުކުރާނެކަމަށެވެ.
"މާބޮޑަށްވެސް އުންމީދު އެބައޮތް. އެއީ ކޮންމެ ގޮތެއްވިޔަސް މެޗެއް އެބައޮތް. އެމެޗުގައި ހަމަ ފަހު ކަށިގަނޑާއި ހަމައަށް އުންމީދު ދުލެއް ނުކޮށްލާނެ" ނިޒާމް ބުންޏެވެ.
ޕްރެޒިޑެންޓްސް ކަޕުގައި އޮޑިން ދެން އެންމެ އަވަހަށް ގަލޮޅު ދަނޑަށް ނުކުންނާނީ ކުލަބު އީގަލްސްއާއި ދެކޮޅަށެވެ. މިމެޗު ތާވަލުކޮށްފަވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު 16:00 އަށެވެ.