ޚަބަރު

ޤަތަރުގެ އަހްލީއާއި އީރާނުގެ ސެޕަހާން އެއްވަރު


  • މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެން

  • އަހްލީން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހުކޮޅު

އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ޤަތަރުގެ އަލް އަހްލީއާއި އީރާނުގެ ފޫލަދް މުބާރަކާން ސެޕަހާން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދިޔަ މި މެޗު ނިމުނީ 2-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ސެޕަހާން އިންނެވެ. އިހްސާން ހާޖިސާފީ ނަގައިދިން ހުރަހުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިކާޑޯ އަލްވޭސް އެވެ.

ސެޕަހާން އިން ލަނޑުޖަހައި ލީޑުނެގިތާ މާ ގިނައިރުތަކެއް ނުވެ އަހްލީ އިންވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. 28 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މައިކަލް ވްލެޕް އެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ސެޕަހާން އިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި އަލުން ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަރާޝް ރިޒާވާންޑެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ދެވަނަ ހާފުގެ ބޮޑު ބައެއް ސެޕަހާން އިން ކުޅުނުއިރު މެޗުގެ އެންމެފަހު ވަގުތުކޮޅުގެ ތެރޭގައި އެ ޓީމުގެ ރޮރަފްކާން އަށް ދެއްކި ރަތްކާޑުގެ ފައިދާ އަލް އަހްލީ އިންވަނީ ވަރަށް ރަނގަޅަށް ނަގާފައެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ސެޕަހާން ކޮޅަށް އަލް އަހްލީން ލަނޑުޖެހީ އިތުރުވަގުތުގެ ތެރޭގައެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެކްސްޕޮސީޓޯ އެވެ.