މަގާމާ ހަވާލުވިތާ އަށް މަސް ދުވަސް ތެރޭ ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗުކަމުން ތޯމަސް ފްރޭންކް ވަކިކޮށްފިއެވެ.
ބްރެންޓްފޯޑްގެ ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ތޯމަސް ފްރޭންކާ ޓޮޓްނަމްގެ ކޯޗުކަން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާއާއެކު ޓޮޓްނަމް އިން ހެދީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުއެވެ.
އެއްބަސްވުމުގައި ދެ އަހަރަށްވުރެ ދިގު މުއްދަތެއް އޮއްވައި ޓޮޓްނަމްގެ ކޯޗުކަމުން ފްރޭންކް ވަކިކޮށްފައި މިވަނީ، އަމިއްލަ ދަނޑުގައި ކުޅެ ނިއުކާސަލް ޔުނައިޓެޑް އަތުން 1-2 އިން ބަލިވި މެޗަށްފަހުއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޓޮޓްނަމް މިވަގުތު އޮތީ ލީގު ތާވަލުގެ 16 ވަނައިގައި 26 މެޗުން 29 ޕޮއިންޓާއެކުއެވެ. ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓްހަމް ޔުނައިޓެޑާއި ޓޮޓްނަމްއާ ދެމެދު އޮތީ އެންމެ ހަ ޕޮއިންޓުގެ ތަފާތެކެވެ.
މީގެއިތުރުން ލީގުގައި ޓޮޓްނަމް އިން އެންމެފަހުން ކުޅުނު 8 މެޗުގައި ވެސް މޮޅުވެފައެއް ނުވެއެވެ. މިއީ 2008 ވަނަ އަހަރަށްފަހު، މޮޅެއް ނުހޯދި ދިޔަ އެންމެ ދިގު މުއްދަތެވެ. އަދި އިނގިރޭސި ޑޮމެސްޓިކް ދެ މުބާރާތުން ވެސް ޓޮޓްނަމް ވަނީ ކަޓާފައެވެ.
ޓޮޓްނަމް އިން ވަނީ ޓީމާއެކު ހޭދަކުރި މުއްދަތުގައި ފްރޭންކްގެ ފަރާތުން ޓީމަށް ލިބުނު ފައިދާއާއި އެހީތެރިކަމަށް ކުލަބުގެ ކުޅުންތެރިންނާއި މެނޭޖްމަންޓާއި ސަޕޯޓަރުންގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.