ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި


  • 777 ފުޅި ބަނގުރާ އަދި 225 ދަޅު ބަނގުރާ ނައްތާލާފައިވޭ

  • އެހެނިހެން ތަކެތީގެ ގޮތުގައި 10 އައިޓަމެއް ނައްތާލާފަައިވޭ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިއަދު ނައްތާލާފައިވާ ތަކެއްޗަކީ ފުލުހުންނަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް ގެނެސްފައިވާ ބަނގުރާކަމަށެވެ.

މިގޮތުން ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 777 ފުޅި ބަނގުރަލާއި 225 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 10 އައިޓަމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މިތަކެތި ނައްތާލުމުގެ މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާލައިފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.