ޚަބަރު

ޝަޒްލީލްގެ މޮޅު ކުޅުމާއެކު ތިމަރަފުށި ބަލިކޮށް ދެއްވަދޫ ސެމީއަށް


  • މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެން

  • ޕެނަލްޓީގައި ދެއްވަދޫއިން ތިމަރަފުށި ބަލިކުރީ 3-5 އިން

  • ދެއްވަދޫގެ ކީޕަރު ޝަޒްލީލް ވަނީ ޕެނަލްޓީއެއް މަތަކޮށްފަ

އަނިޔާގައި ހުރެވެސް ކުއާޓަރ ފައިނަލް މެޗަށް ނުކުމެ ގއ. ދެއްވަދޫ ޓީމުގެ ކީޕަރު އިބްރާޙީމް ޝަޒްލީލް ދެއްކި މޮޅު ކުޅުމާއެކު ތިމަރަފުށި ބަލިކޮށް، ދެއްވަދޫއިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލުގައި ދެއްވަދޫއާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ދެއްވަދޫ ޓީމުން، ޤައުމީ ފުޓްސަލް ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. އެގޮތުން ދެއްވަދޫގެ ޖާޒީގައި، ޤައުމީ ގޯލްޑް ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އާއި އަޙްމަދު ރާޙިލް ރަޝީދު (ރާއްކޮ) ގެ އިތުރުން ހުޒެއިފަތު ރަޝީދު (ހުޒޭ) އަދި ޢަލީ ހައިސަމް (ޗުމްޕު) ފެނިގެން ގޮސްފައިވެއެވެ.

ވާދަވެރިކަން ބޮޑުވި މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ތިމަރަފުށިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޒިޔަންއެވެ.

އޭގެ ފަސް މިނެޓުފަހުން، ކައުންޓަރ އެޓޭކެއްގައި އިމްރާން ވަނީ ދެއްވަދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މި ހާފު ނިމުމުގެކުރިން އިމްރާން ވަނީ ދެވަނަ ލަނޑެއް ޖަހައިދީ ދެއްވަދޫއަށް މެޗުގައި ލީޑުނަގައިދީފައެވެ.

1-2 އިން ކުރީގައި އޮވެ ދެއްވަދޫއިން ދެވަނަ ހާފު ފެށިއިރު، މި ހާފުގެ ހަތްވަނަ މިނެޓުގައި ތިމަރަފުށިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާޙީމް ސިނާހު (ސިނާ) އެވެ.

އެފަހުން ވެސް މެޗުގައި ދެ ލަނޑެއް ފެނިގެންދިޔައިރު ތިމަރަފުށީގެ ލަނޑު ޖަހައިދިނީ އަޙްމަދު އަފްލާޒެވެ. ދެއްވަދޫގެ ލަނޑު ޖަހައިދިނީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޢަލީ ހައިސަމް (ޗުމްޕު) އެވެ.

3-3 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ދެއްވަދޫ މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.

ދެއްވަދޫގެ ޕެނަލްޓީތައް ޖެހި ފަސް ކުޅުންތެރިން ވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ތިމަރަފުށިން ފޮނުވާލި ދެ ޕެނަލްޓީއެއް، މުޅި މެޗުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި ކުޅުންތެރިޔާ، ދެއްވަދޫގެ ކީޕަރު ޝަޒްލީލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށް، ދެއްވަދޫ ސެމީ ފައިނަލަށް ގެންގޮސްދީފައެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ދެއްވަދޫއާއި ވިލިމާލެއެވެ.