ޚަބަރު

ފަހު ވަގުތު ލިވަޕޫލް އަތުން ސިޓީ މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގެ ފަހު ވަގުތު ހާލަންޑް ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ސިޓީ މޮޅުވެއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

ލިވަޕޫލް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޑޮމިނިކް ސޮބޮޒްލާއީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަށްފަހު މެޗުގެ އިންޖަރީ ވަގުތުގެ ކުޅުމުގައި ރެފްރީ ވަނީ ސޮބޮޒްލާއީ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން މެޗުގެ 84 ވަނަ މިނިޓުގައި އާލިން ހާލަންޑް ދިން ޕާހަކުން ބަރނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ތިން ޕޮއިންޓް ކަށަވަރުކޮށްފައިވަނި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އާލިން ހާލަންޑް އެވެ.

ޕެޕް ގަޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗެސްޓަރ ސިޓީ އިން އެންފީލްޑްގައި އެންމެ ފަހުން މޮޅުވެފައިވަނީ 2021 ވަނަ އަހަރު އެވެ. އަދި މި ސީޒަނުގައި އެ ޓީމު ވަނީ ލިވަޕޫލް އަތުން ދެ ފަހަރު މޮޅުވެފަ އެވެ.

މި ނަތީޖާ އާއިއެކު ސިޓީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން ޖުމްލަ 50 ޕޮއިންޓް ހޯދާފައެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް 56 ޕޮއިންޓް ލިބިފައިވާއިރު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ވަނީ 6 ޕޮއިންޓަށް ކުޑަވެފަ އެވެ.

ލިވަޕޫލް އަށް 25 މެޗުން ލިބިފައިވާ 39 ޕޮއިންޓައެކު އެ ޓީމު އޮތީ ތާވަލުގެ 6 ވަނައިގަ އެވެ.