ޚަބަރު

ޒަކާތު ފަންޑުން ޑިސެންބަރުގައި ބޭސްފަރުވާއަށް 2.1 މިލިޔަން ރުފިޔާ


  • އެންމެ ބޮޑު ހޭދައެއް ކުރީ ކެންސަރު ބަލީގެ ފަރުވާއަށް

  • ޑިސެންބަރު މަހު 185 މީހަކަށް ބޭސްފަރުވާއަށް އެހީދީފައިވޭ

  • ފީސަބީލިﷲއަށް އެންމެ ބޮޑު ހޭދައެއްކުރީ ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް

ޒަކާތު ފަންޑުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 2.1 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހު 185 ފަރާތަކަށް ބޭސްފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެއީ، ޖުމްލަ 2،127،779.53 ރުފިޔާއެވެ.

ޑިސެންބަރު މަހު ޒަކާތު ހައުސްއިން ފަޤީރުންނާއި، މިސްކީނުންގެ ބޭސްފަރުވާއަށް ދޫކުރަން ނިންމީ، 1،479،365.85 ރުފިޔާއެވެ. ޖުމްލަ ދޫކުރި އަދަދު އިތުރުވެފައިވަނީ، ޑިސެންބަރު މަހުގެ ކުރިން އެހީ ހަމަޖެހިފައިވާ ފަރާތްތަކަށްވެސް ފައިސާ ދޫކޮށްފައިވާތީ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ، ކެންސަރު ބަލީގެ ފަރުވާއަށެވެ. ކެންސަރު ބަލީގެ ފަރުވާއަށް 301،075.50 ރުފިޔާ ހޭދަކޮށްފައިވާއިރު، ސިކުނޑީގެ ބަލިތަކަށް، 114،810 ރުފިޔާ، ހިތުގެ ބަލިތަކަށް 68،967 ރުފިޔާ، އަދި ފުއްޕާމޭގެ ބަލިތަކަށް 67،676 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މީގެ އިތުރުން ކިޑްނީ ބަލިތަކަށް 36،083.50 ރުފިޔާ ހޭދަކޮށްފައިވާއިރު، ގުނަވަން ބަދަލު ކުރުމަށް 25،443 ރުފިޔާ އަދި އެހެނިހެން ބަލިތަކަށް 865،310.85 ރުފިޔާ ޒަކާތު ފަންޑުން ހޭދަކޮށްފައިވެއެވެ.

ޒަކާތު ފަންޑުން ފަޤީރުންނާއި، މިސްކީނުންގެ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދިނުމުގެ އިތުރުން އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި، ފްލެޓުތަކުގެ ޑައުންޕޭމަންޓް ދެއްކުމަށްވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން، ޑިސެންބަރު މަހު ޒަރޫރީ އެހީގެ ގޮތުގައި 161،900 ރުފިޔާ ހޭދަކޮށްފައިވާއިރު، ޑައުންޕޭމަންޓު ދެއްކުމަށް 91،000 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ޒަކާތު ފަންޑުން ޑިސެމްބަރު މަހު ފީސަބީލިﷲ އަށް ޚަރަދުކުރި ދާއިރާތައް

  • ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނުގެ ޢިލްމު ފެތުރުން: 521،733.43 ރުފިޔާ
  • ދީނީ އެކި ޕްރޮގްރާމްތައް ހިންގުން: 420،698.09 ރުފިޔާ
  • މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް: 305،655 ރުފިޔާ
  • ޓްރެއިނިންގ ކޯސްތައް ހިންގުން: 16،443 ރުފިޔާ
  • ފޮތް ތަރުޖަމާ ކުރުން: 401،950 ރުފިޔާ

މޯލްޑިވްސް ޒަކާތު ހައުސަކީ، މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ޢަމަލުކުރަން ފެށި ޒަކާތުގެ ޤާނޫނުގެ ދަށުން "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އުފައްދާފައިވާ އިދާރާއެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ މި އިދާރާގެ މަސްއޫލިއްޔަތަކީ، ޒަކާތު ޤާނޫނުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، އެ ނިޒާމާ ގުޅޭ އެންމެހާ ކަންކަން ކުރުމެވެ.