ކެމްބޯޑިއާގައި ކުރިޔަށްދާ 14 އަހަރުން ދަށުގެ އައިޓީއެފް ޑިވެލޮޕްމެންޓް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ކަންޒާ އިސްމާއިލް ފުރަތަމަ ހަފްތާގައި ރޭންކިންގެ 8 ވަނައަށް އަރައިފިއެވެ.
ކަންޒާ ވަނީ ފުރަތަމަ ހަފްތާގެ ސިންގަލްގައި ވާދަކޮށް ކުއާޓާރ ފައިނަލާއި ހަމައަށް ދަތުރުކޮށްފައެވެ. ފުރަތަމަ ބުރުގައި ކަންޒާ ވާދަކުރީ ޕިލިޕީންސްގެ ޓޮރެކަމްޕޯއާއެވެ.
ދެވަނަ ބުރުގައި ކަންޒާ ވާދަކުރީ ޓިމޯ ލެސްޓޭގެ ސޯރެސް އޮފެލިއާއާއި ދެކޮޅަށެވެ. އެހެންނަމަވެސް ކުއާޓާ ފައިނަލުގައި ވިއެޓްނާމުގެ ޓޯ ބިންހް އަތުން 6-0، 6-1 ގެ ނަތީޖާއަކުން އޭނާ ވަނީ ބަލިވެފައެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އިސްރާ އާރާ އިބްރާހީމް ޝަފީއު ސިންގަލްސް ޑްރޯގެ ފުރަތަމަ ބުރުގައި ވާދަކުރީ މޮންގޯލިއާގެ އައިސްސަތާ އަޑަމާއާއެވެ. އެމެޗުން އިސްރާ ބަލިވީ 0-6،0-6 ގެ ނަތީޖާއަކުންނެވެ.
ސިންގަލްސްގައި ވާދަކުރި ރާއްޖޭގެ އަލްސަން ސާމީ މުހައްމަދު ފުރަތަމަ ބުރުގައި އޭނާއާއި ވާދަކުރަން ހަމަޖެހިފައިވާ ކުޅުންތެރިޔާ ހާޒިރުނުވުމުން މެޗު އޭނާއަށް ލިބިގެން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ދެވަނަ ބުރުގައި ސާމީ ވާދަކުރީ ޕިލިޕީންސްގެ އަލްދެމިތާ އެލެކްސީއާއެވެ އެ މެޗު ޕިލިޕީންސް ކުޅުންތެރިޔާ ގެންދިޔައީ 1-6، 0-6 ންނެވެ. ޒާއިން ވަނީ ފުރަތަމަ ހަފްތާގެ ރޭންކިންގެ 13 ވަނައިގައެވެ. އަލްސަން ވަނީ ފުރަތަމަ ހަފްތާގެ ރޭންކިންގެ 14 ވަނައިގައެވެ.
ރާއްޖޭގެ ޔޫސުފް ޒާއިން މުހައްމަދު ސަލާމް ވާދަކުރީ ޓިމޯ ލެސްޓޭގެ ޖޮވައިނާ މާޓިސްއާއި ދެކޮޅަށެވެ. ޔޫސުފް އަތުން 0-6، 6-0 ން މޮޅުވެގެން ދެވަނަ ބުރަށް ދިޔައީ ޓިމޯ ލެސްޓޭގެ ކުޅުންތެރިޔާއެވެ.
މި މުބާރާތުގެ ދެވަނަ ހަފްތާގެ ކުޅުން މިއަދު ވަނީ ފަށާފައެވެ. މި މުބާރާތުގައި 16 ގައުމު ބައިވެރިވެއެވެ.