ޚަބަރު

"ސަމްޕާ" ސަރަހައްދު ޒަމާނީ ވަސީލަތްތަކާއެކު ބަލަހައްޓަނީ


ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ، ސަމްޕާ ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ކުރުމުގެ އައު މަޝްރޫޢެއް އިފްތިތާޙުކޮށްފިއެވެ.

މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރީ "މޯލްޑިވްސް ޕްރޮޓެކްޓަޑް އެންޑް ކޮންޒާވްޑް އޭރިއާސް ފޯރަމް 2026" ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި މަސައްކަތަކީ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރއާއި، ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ހުއާވޭ ގުޅިގެން ކުރާ މަސައްކަތެކެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ "ޓެކް-ފޯ-ނޭޗަރ"ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ކަނޑުގެ ސަރަޙައްދު ބަލަހައްޓާނެ ޒަމާނީ ޓެކްނޮލޮޖީއާއި ވަގުތުން މުޢާމަލާތް ކުރެވޭނެ ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގެ ފެހުރިހީގެ އާބާދީ ހިމާޔަތްކުރުމެވެ. ހަމައެއާއެކު، ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އޮތް ސަންޕާ ސަރަޙައްދުގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށި ހިމާޔަތްކުރުމާއި ތަރައްޤީއާ ދެމެދު ހަމަހަމަ އުޞޫލެއް ޤާއިމުކުރުމަކީވެސް މި މަޝްރޫޢުގެ އަމާޒެކެވެ.

ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަޙައްދުގެ ގޮތުގައި ހިމެނޭ "ސަމްޕާ" ސަރަހައްދަކީ އަހަރުގެ ހުރިހާ ދުވަހަކުވެސް ފެހުރިހި ފެންނަ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުހިންމު ސަރަޙައްދެކެވެ. މި ސަރަޙައްދަށް ކޮންމެ އަހަރަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރެއެވެ. ސަރަޙައްދު ބޮޑުވުމާއި، އެތަނަށް ވަދެނިކުމެވޭނެ ގިނަ މަގުތަކެއް ހުރުމުގެ ސަބަބުން، އާދައިގެ ގޮތްތަކަށް މި ސަރަޙައްދު ބެލެހެއްޓުމަކީ އިދާރީ ގޮތުން ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން "ޓެކް-ފޯ-ނޭޗަރ" މަޝްރޫޢުގެ ދަށުން، މި ސަރަޙައްދު ބަލަހައްޓާ ރޭންޖަރުންނަށް ޑިޖިޓަލްކޮށް އެ ސަރަހައްދު ބަލައިލާ އަދި ރިޕޯޓް ކުރެވޭނެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން އެ ސަރަހައްދުގެ މަޢުލޫމާތު އެއްކުރުމާއި މުޢާމަލާތްކުރުން ހަރުދަނާވެ، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިންނާއި ދިރުންތަކާ ދެމެދު އޮންނަ ގުޅުން ދެނެގަތުމަށް މަގުފަހިވެ، އައި.ޔޫ.ސީ.އެންގެ "ގްރީން ލިސްޓް" އަށް މި ސަރަޙައްދު ހޮވުމަށް ކުރާ މަސައްކަތަށް ބޭނުންވާ ސައިންޓިފިކް މަޢުލޫމާތުތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢަކީ، 2020 ވަނަ އަހަރު އައި.ޔޫ.ސީ.އެން އާއި ހުއާވޭ ގުޅިގެން ފެށި ދުނިޔޭގެ ފެންވަރުގެ "ޓެކް-ފޯ-ނޭޗަރ" އިސްނެގުމުގެ ބައެކެވެ. މިއީ ހުއާވޭގެ "ޓެކް-ފޯ-އޯލް" ޑިޖިޓަލް އިންކްލޫޝަން ޕްރޮގްރާމްގެ ދަށުން ހިންގާ މަސައްކަތެކެވެ. މި މަޝްރޫޢުން ދައްކުވައިދެނީ، އައި.ޔޫ.ސީ.އެންގެ ގްރީން ލިސްޓް މިންގަނޑުތަކާ އެއްގޮތަށް، ތިމާވެށި ހިމާޔަތްކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން ހަރުދަނާ އަދި އިންޞާފުވެރި ގޮތެއްގައި ހިފިދާނެ ގޮތެވެ. މިއީ ރާއްޖޭގައި ފެށޭ ފުރަތަމަ "ޓެކް-ފޯ-ނޭޗަރ" މަޝްރޫޢު ކަމަށްވާއިރު، މިއީ ތިމާވެށި ރައްކާތެރިކުރުމުގައި ޑިޖިޓަލް ޙައްލުތައް ބޭނުންކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތުގެ ތެރެއިން މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

"ސަންޕާ" ގައި މި މަޝްރޫޢުގެ އަމާޒަކީ ފަތުރުވެރިން މެނޭޖްކުރުމާއި، ޤަވާޢިދުތަކަށް ޢަމަލުކުރުން އިތުރުކުރުމާއި، ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް ގޮތްތައް ނިންމުމަށް އެހީތެރިވެދީ، ފަތުރުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމެވެ. މި މަޝްރޫޢުގެ ދަށުން، ސަންޕާ ނުވަތަ ދެކުނު އަރިއަތޮޅު ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ރޭންޖަރުންނަށް ބޭނުންވާ މޮނިޓަރިންގ އަދި މުއާސަލާތީ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ.

މި ވަސީލަތްތަކުގެ އެހީގައި، ނުރައްކާތެރި ނުވަތަ ޤަވާޢިދާ ޚިލާފު ޢަމަލުތަކަށް ވަގުތުން އިޖާބަދީ ފިޔަވަޅު އެޅުމުގެ ޤާބިލުކަން ރޭންޖަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވި، ފެހުރިއްސަށް އިންސާނުންގެ ފަރާތުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެއެވެ. މޮނިޓަރިންގ ވަރުގަދަކުރުމުގެ ސަބަބުން، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ޤަވާޢިދުތަކަށް ޢަމަލުކުރުން އިތުރުވެ، ސަންޕާގެ މެނޭޖްމަންޓް އަދި ތިމާވެށި ރައްކާތެރިކުރުމުގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ފަދަ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށް މަގުފަހިވާނެއެވެ.

ޢަމަލީ މަސައްކަތްތަކާ އެކުއެކީގައި، އައި.ޔޫ.ސީ.އެން ގްރީން ލިސްޓް ސްޓޭންޑަރޑްއަށް ރޭންޖަރުން އަހުލުވެރިކުރުވުމުގެ ތަމްރީނުތައް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. މިއީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ހަމަހަމަކަމާއި ހަރުދަނާކަމާއެކު ބެލެހެއްޓުމުގައި ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ މިންގަނޑެކެވެ. މީގެ އިތުރުން، ސަމްޕާގެ ހާލަތު ވަޒަންކުރުމަށްޓަކައި 'ބޭސްލައިން ގްރީން ލިސްޓް ސައިޓް އެސެސްމަންޓެއް' ހެދޭނެއެވެ.