ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިފިއެވެ. ރައީސުލް ޖުމްހޫރިއްޔާ މިއަދު ދެއްވި 3 ވަނަ ރިޔާސީ ބަޔާން 3 ގަޑިއިރަށް ދެމިގެން ދިޔައެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ 3ވަނަ ރިޔާސީ ބަޔާން އިއްވެވުމަށް މުލީއާގެއިން ރައްޔަތުންގެ މަޖިލީހަށް ވަޑައިގެންނެވީ ހިންގަވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ރައްޔިތުންގެ މަޖިލިސް ސަރަޙައްދުން މަރުޙަބާ ދެންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއެވެ. މަޖިލީހުގެ އިދާރާއިން އެމަނިކުފާނަށް މަރުޙާބާ ދެންނެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ.
ރިޔާސީ ބަޔާން ދެއްވުމަށް ބޭއްވި ޖަލްސާގައި އުއްތަމަ ފަނޑިޔާރާއި، ދައުލަތުގެ އިސް ފަރާތްތަކަކާއި، ވަޒީރުންނާއި މިނިވަން މުޢައްސަސާތަކުގެ އިސްވެރިންނާއި ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހެނދުނު 09:00ގައި މަޖިލީހުގެ ޖަލްސާ ފެށުމާއެކު މިޖަލްސާގެ އެޖެންޑާގައި ހިމެނޭ ހަމައެކަނި ނަންބަރު ކަމުގައިވާ ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވިއެވެ. 3 ގަޑިއިރުގެ ރިޔާސީ ބަޔާނެއް އިއްވެވިއިރު، މި ރިޔާސީ ބަޔާނުގައި ރާއްޖެއަށް ބޭނުންވާ އަދި ރައްޔިތުންނާ އެންމެ ގުޅުންހުރި ދާއިރާތަކަށް ހަޤީޤީ މާނާގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވައި، މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި އެދާއިރާތަކުން ކުރިއަށް ރާވާފައިވާ ކަންކަމުގެ ތަފްޞީލް ތަފާސް ހިސާބުތައްވެސް ހިމެނޭހެން ވަނީ ޙިއްސާކުރައްވާފައެވެ.
ރިޔާސީ ބަޔާން އެމަނިކުފާނު ފެއްޓެވީ، ދީނީ ދާއިރާއިންނެވެ. އެއަށްފަހު ޤައުމިއްޔަތާއި، އިޤްތިސާދީ ދާއިރާގެ އިތުރުން، ދަރަނި ދެއްކުމަށް ކުރެވޭ މަސައްކަތާއ ހޯދުނު ކާމިޔާބީގެ އިތުރުން ސަލާމަތީ ދާއިރާ ހަރުދަނާ ކުރުމާއި، ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގެ އިތުރުން ބޯހިޔާވަހި ކަމާއި، އިޖްތިމާޢީ އަދި ސިއްޙީ ދާއިރާއަށް އެމަނިކުފާނު ވަނީ ތަފްޞީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި މަޖިލީހުގެ ހިމެނޭ އިދިކޮޅު ސިޔާސީ ޕާޓިތަކަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ އިޚްތިޖާޖުކޮށްފައެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ނަސޭހަތް ތެރިވުމަށްފަހު 2 މެންބަރެއްގެ ނަން ވަނީ ތަޅުމުގައި އިއްވާފައެވެ.
މިޔާއެކު ރައީސުލްޖުމްހޫރިއްޔާގެ މިރިޔާސީ ބަޔާން ވެފައިމިވަނީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި އިއްވާފައިވާ އެންމެ ދިގު ރިޔާސީ ބަޔާނުގެ ގޮތުގައެވެ.
ކޮންމެ އަހަރެއްގައިވެސް، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ޤައުމުގެ ޙާލަތު ބަޔާންކޮށްދެއްވައި، އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރެއްވުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވެވުމަކީ، ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ލާޒިމުކުރާ ކަމެކެވެ.