ޚަބަރު

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމެއް


  • ޢުމްރާވެރިއަކަށް 500 ޑޮލަރު ވިއްކާނެ

  • އެކަކަށް 5 ޢުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ

މިއަހަރުގެ ރަމަޟާން މަހު ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ދަތުރުކުރާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަނެވޭނެ ޚާއްޞަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސަވައިފިއެވެ.

މިއީ ކޮންމެ އަހަރަކުވެސް ޢުމްރާވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ބޭންކުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ބީއެމްއެލްއިން ވިދާޅުވީ، ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިން ކަމަށެވެ. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 އިން ފެށިގެން 26ގެ ނިޔަލަށެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށް މި ޚިދުމަތް ލިބޭނެ ކަމަށް އެބޭންކުން ވިދާޅުވެއެވެ.

ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅުއްވާފައިވާ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން 500 ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވާއިރު، އެކަކަށް ގިނަވެގެން 5 ޢުމްރާވެރިންގެ ބަދަލުގައި ޑޮލަރު ގަނެވޭނެއެވެ. ޑޮލަރު ގަންނަން ދާއިރު ޢުމްރާވެރިޔާގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ހުށަހަޅަން ޖެހެއެވެ. އަދި ބަދަލުގައި މީހަކު ދާނަމަ، އެމީހެއްގެ އައިޑީ ކާޑުގެ އަސްލުވެސް ގެންދަން ޖެހޭނެއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މި މުޢާމަލާތްތަކަށް ފައިސާ ދެއްކޭނީ ހަމައެކަނި ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުން ކޮށްގެން ކަމަށެވެ. އަދި ނަގުދު ފައިސާއިން ޑޮލަރު ގަތުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށެވެ.

މީގެއިތުރުން ގްރޫޕްތަކުގައި ނުހިމެނޭ އެހެނިހެން ޢުމްރާވެރިންނަށް ބީއެމްއެލްގެ ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރު ގަނެވޭނެއެވެ. މިގޮތަށް ބުކިންގ ހަދާ ފަރާތްތަކަށް ޑޮލަރު ދޫކުރާނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ހޯލުންނެވެ.

ބީއެމްއެލްއިން ވިދާޅުވީ، މި މުއްދަތުގައި މާލެ ސަރަޙައްދުގެ ބައެއް ބްރާންޗުތަކުން (މެއިން ބްރާންޗް، އިސްލާމިކް ބްރާންޗް، ހުޅުމާލެ އަދި ވިލިމާލެ ބްރާންޗް) ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑާލާނެ ކަމަށެވެ. ނަމަވެސް އަތޮޅުތެރޭގެ ބްރާންޗުތަކުން އާންމު އުސޫލުން މި ޚިދުމަތް ލިބޭނެ ކަމަށްވެސް އެ ބޭންކުން މައުލޫމާތު ދެއްވައެވެ.