ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ގޮތުގައި ފާހަގަކުރެވޭ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރު ނިމި، ގަދަ 16 ބުރުގެ ގުރު ނަގައިފިއެވެ.
މުބާރާތުގެ ރައުންޑް އޮފް 16 ގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ފެބްރުއަރީ ފަސްވަނަ ދުވަހުއެވެ.
ގަދަ 16 ގައި ވާދަކުރާ ޓީމުތައް ކަނޑައެޅުމަށް ގުރުނަގާ ނިމުނުއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ކުރިމަަތިލުމެއްގެ ގޮތުގައި ފެނިގެންދާނީ ޒޯން 3 ގެ ޗެމްޕިއަން ގާފަރާއި ޒޯން 5 ގެ ޗެމްޕިއަން ވިލިމާލެއެވެ. މި މެޗު އޮންނާނީ ފަސްވަނަ ދުވަހުގެރޭ 22:45 ގައެވެ.
ގަދަ 16 ގެ އިތުރު މެޗުތަކަށް ބަލާއިރު، މި ބުރުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޒޯން 2 ގެ ޗެމްޕިއަން ރ. ދުވާފަރާއި ޒޯން 7 ގެ ރަނަރަޕް ސ. ހިތަދޫއެވެ.
ދެވަނަ މެޗުގައި ވާދަކުރާނީ ޒޯން 3 ގެ ޗެމްޕިއަން ބ. އޭދަފުއްޓާއި ޒޯން 5 ގެ ރަނަރަޕް މައްޗަންގޯޅިއެވެ. މި ދެމެޗު ވެސް ކުޅޭނީ ފަސްވަނަ ދުވަހު ހަވީރު 16:00 ގައެވެ.
އެރޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޒޯން 1 ގެ ޗެމްޕިއަން ނައިވާދޫއާއި ޒޯން 5 ގެ ރަނަރަޕް މ. ދިއްގަރެވެ. ދެވަނަ މެޗުގައި ޒޯން 4 ގެ ޗެމްޕިއަން އއ. މަތިވެރިއާއި ޒޯން 6 ގެ ރަނަރަޕް، ލ. އިސްދޫ ވާދަކުރާއިރު މި ދެ މެޗުވެސް ކުޅޭނީ އެރޭ 20:00 ގައެވެ.
އެރޭ 21:30 ގައި ޒޯން 6 ގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި ޒޯން 1 ގެ ރަނަރަޕް ހއ. މާރަންދޫ ބައްދަލުކުރާއިރު ހަމަ އެގަޑީ ޒޯން 7 ގެ ޗެމްޕިއަން ގއ. ދެއްވަދޫއާއި ޒޯން 4 ގެ ރަނަރަޕް ވ. ކެޔޮދޫ ބައްދަލުކުރާނެއެވެ. އަދި ވިލިމާލެއާއި ގާފަރު ބައްދަލުކުރާ މެޗު އޮންނަ 22:45 ގައި، ޒޯން 5 ގެ ޗެމްޕިއަން ދ. ކުޑަހުވަދޫއާއި ޒޯން 2 ގެ ރަނަރަޕް، ށ. ކަނޑިތީމު ބައްދަލުކުރާނެއެވެ.