ޚަބަރު

ބުރުގެ އަމާޒަކީ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅުން: ނިޒާމް


ކުރިއަށް އޮތް ޕްރެޒިޑެންޓްސް ކަޕުގެ އަމާޒަކީ މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރުންކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ލީގުގައި އޮޑި ސްޕޯޓްސް ކުލަބާ ކުޅެ އެއްވަރުވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިޒާމް ބުނީ، އޮޑިއާ ދެކޮޅަށް ކުޅެ ޕޮއިންޓެއް ހޯދުން އެއީ ޓީމަށް ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، މިހާރު ކުޅުންތެރިން ގެންގުޅޭ ޑިސިޕްލިންގައި ކުރިއަށްދާނަމަ އޭގެ ފައިދާ ޓީމަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

އެހެންނަމަވެސް އޮޑިއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ ފަރާތުން ފެނުނީ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ޓީމުގައި އަދިވެސް ހުރިކަމަށް އަދި އެކަންކަން ފަރިތަކުރުންތަކުގެ ތެރެއިން ކުޅުންތެރިންނާއެކު މަސައްކަތްކޮށްގެން ރަނގަޅުކުރާނެކަމަށް ކޯޗު ނިޒާމް ބުންޏެވެ.

ތާވަލުގެ އެއްވަނަ އަދި ދެވަނައިގައި އޮތް ޓީމުތަކާ ދެކޮޅަށް ބުރުގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފުކުރަމުން ނިޒާމް އިތުރަށް ބުނީ، އެ ޓީމުތަކާ ދެކޮޅަށް ދެއްކި ކުޅުމުން ސާބިތުކޮށްދިނީ ބުރަކީ މަސައްކަތްކޮށްފި ނަމަ ވަރުގަދަ ޓީމުތައް ބަލިކުރެވޭ ފެންވަރުގެ ޓީމެއްކަން ކަމަށެވެ. އޮޑިއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވަނީ ބުރުގެ ކުޅުންތެރިންކަން އޭނާ ފާހަގަކުރިއެވެ.

ލީގުގައި ކުރިއަށް އޮތް މެޗާމެދު ވެސް ބޮޑު އުއްމީދެއް އޮތްކަން ނިޒާމްގެ ވާހަކައިގައި ފާހަގަކުރިއެވެ. ކުރިއަށް އޮތް ޕްރެޒިޑެންޓްސް ކަޕަށް ބުރުން ކަނޑައަޅާފައިވާ ޓާގެޓު ވެސް، ނިޒާމް ވަނީ ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.

"ޕްރެޒިޑެންޓްސް ކަޕުގައި ހަމަ ބުރުގެ ޓާގެޓަކީ އެންމެ ކުޑަމިނުން ފައިނަލާ ހަމައަށް ދަތުރުކުރަން. މަސައްކަތް ކުރެވޭނީ. އެބަހުރި ބައިވަރު ޗެލެންޖަސް. އެހާ ފަސޭހައެއް ނުވާނެ. ވަރަށް އުނދަގޫވާނެ. އެކަމަކު ކުޅުންތެރިން އެވަރަށް ފޯކަސްކޮށްގެން ކުޅެފިނަމަ ކަން ކުރެވޭނެކަން ފެނިގެން މިދިޔައީ މިދިޔަ ދެމެޗުން ވެސް. އެހެންވީމަ އެ ބޮލުގައި ބައިންދައިގެން މަސައްކަތްކޮށްފިނަމަ ރަނގަޅު ކުރެވޭނެ". ޕްރެޒިޑެންޓްސް ކަޕަށް ކަނޑައަޅާފައިވާ ޓާގެޓާ ގުޅޭގޮތުން ނިޒާމް ބުންޏެވެ.

ކުރިއަށް އޮތް ޕްރެޒިޑެންޓްސް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޓީމުތަކުން މަސައްކަތްކުރަމުން އަންނައިރު، މިވަގުތު އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގަތައް ކަށަވަރުކޮށްފައިވާ ހަތަރު ޓީމުގެ ތެރޭގައި ބުރު ހިމެނެއެވެ. ބުރުގެ އިތުރުން ދެން ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައިވަނީ އެއްވަނައިގައި އޮތް މާޒިޔާއާއި ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބުގެ އިތުރުން ތިންވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

އެއީ ލީގުގެ މެޗުތައް ނިމޭއިރު، މަގާމުތަކަށް ބަދަލު ނައިސް ތާވަލުގައި އޮންނާނެ، އެންމެ މަތިން ގިންތިކުރެވިފައިވާ ހަތަރު ޓީމެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފްގައި ވާދަކުރާނީ ތާވަލުގެ ފަސްވަނައިން ފެށިގެން އަށްވަނައާ ދެމެދު އޮތް ހަތަރު ޓީމެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ޕްލޭއޮފް މެޗުތައް އޮންނާނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.