އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއެކު 3-2 ގެ ނަތީޖާއުން ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ 19 ވަނަ މިނިޓުގައި ކަސެމީރޯ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ކުރި ހޯދަދީފަ އެވެ. އޭނާ މި ލަނޑު ޖެހުމުގެ ކުރިން ޔުނައިޓެޑަށް ރެފްރީ ޕެނަލްޓީ އެއް ދިން ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮތްއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި މެތިއުސް ކޫނިޔާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ފުލަމް އިން މި މެޗުގައި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ރައުލް ޖިމިނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ ހަ މިނިޓު ފަހުން ފުލަމްގެ ކެވިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ އިންޖަރީ ވަގުތުގެ ހަތަރުވަނަ މިނިޓުގައި ކާމިޔާބުކޮށްދީފައިވަނީ ބެންޖަމިން ސެސްކޯ އެވެ.
މި ނަތީޖާ އާއިއެކު ޔުނައިޓެޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ފުލަމް އަށް ލިބިފައިވާ 34 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ އަށްވަނައިގަ އެވެ.