ޙައްޖު ކޯޕަރޭޝަނަކީ ރައްޔިތުންނަށް ޙައްޖާއި އުމްރާގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އުފެއްދި ކުންފުންޏެއް ކަމަށާއި ކުންފުނި އުފެއްދި މަގުސަދު މިހާރު ހާސިލުވަމުންދާކަން ރައްޔިތުން ގަބޫލުކުރާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަނަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި މިހާރުވެސް އުމްރާގެ ޚިދުމަތް ދޭ ގިނަ ކުންފުނިތައް ހުރިއިރު އަގަށް ބެލުމެއްނެތި ގިނަ ބަޔަކު އެ ކުންފުނި ހިޔާރުކުރަނީ ދޭ ޚިދުމަތުގެ ފެންވަރުގެ ސަބަބުން ކަމަށް ޝަކީލް ފަހަގަކުރެއްވިއެވެ.
ޝަކީލް ވިދާޅުވީ ޙައްޖު ކޯޕަރޭޝަންގެ ހިންގުމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކުންފުނި އުފެއްދި މަގުސަދު ހާސިލް ކުރުމަށް ކަމަށެވެ. އެ މަސައްކަތުގެ ދަށުން މިއަދު ހައްޖު ކޯޕަރޭޝަނުގެ ޚިދުމަތްތަކަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ، އެހެން ކުންފުނިތަކުން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަ ޚިދުމަތްތަކެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޙައްޖު ކޯޕަރޭޝަނަކީ ސަރުކާރުގެ ކުންފުންޏަކަށްވާއިރު އަޅުގަނޑުމެންވެގެން ނުވާނެ އެހެން ބަޔަކު ފޮލޯ ކުރާބަޔަކަށް. އަޅުގަނޑުމެން ވާންޖެހޭނީ ޓްރެންޑް ސެޓް ކުރާ ބަޔަކަށް. މިސާލަކަށް ދަންނަވާނަމަ އަޅުގަނޑު ޙައްޖު ކޯޕަރޭޝަނާ ހަވާލުވިއިރު ރާއްޖޭގެ އެއްވެސް ޙައްޖުއުމްރާ ގްރޫޕަކުން ޓްރެއިންގެ ޚިދުމަތްތައް ބޭނުންނުކުރޭ. އެހެންނަމަވެސް އަޅުގަނޑުމެން މައްކާ އާއި މަދީނާއާ ދެމެދު ޓްރެއިންގެ ޚިދުމަތްތައް ބޭނުންކުރަން ފެށުމުން އެ ޑިމާންޑް އޮތްކަން ފެނި ގިނަ ގްރޫޕްތަކުން މިހާރު މި ޚިދުމަތްތައް ބޭނުންކުރަން ފަށައިފި،" ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަނުން ޚިދުމަތްތަކަށް ރައްޔިތުން އަތުން ނަގާ އަގަށް ބަދަލެއް ނުގެނެސް ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅު ކުރެވިއްޖެކަން ފާހަގަކުރައްވައި ޝަކީލް ވިދާޅުވީ ކުރީ ސަރުކާރުތަކަށްވެސް އެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް މިހާތަނަށް ޚިދުމަތުގެ ފެންވަރު ރަނގަޅު ނުކުރެވުނީ ޚިދުމަތް ދޭން ތިބި ވެރިންގެ އިޚްލާސްތެރިކަމެއް ނެތުމުންކަން ފާހަގަކުރެއްވިއެވެ.
ޝަކީލް ވިދާޅުވީ މިއަހަރު ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖާއި އުމްރާގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށްވެސް ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށެވެ.