ޚަބަރު

ތިލަފުށީގައި ބިދޭސީއަކު މަރުވި ހާދިސާ: ލަންކާ މީހަކު ހައްޔަރުކޮށްފި


  • ހާދިސާ ހިނގީ ޖެނުއަރީ 26ގައި

  • ރިޕޯޓް ކުރީ ޖެނުއަރީ 28ގައި

  • އޭނާ ފެނުނު އިރުވެސް އޮތީ މަރުވެފައި

ތިލަފުށީ ވެމްކޯ ސައިޓުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ލަންކާއަށް ނިސްބަތްވާ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ ބަންގްލަދޭޝްގެ އަމީން މިއާ މަރުވި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ ބައެއް ތަފްސީލް ޙިއްސާކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ، އަމީން މިއާ މަރުވާން މެދުވެރިވީ ހުސްވި ޖެނުއަރީ މަހުގެ 26 ވީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ތިލަފުށީ ސައިޓުގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެ އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލު ކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގި ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއްނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓް ކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ، އުމުރުން 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބިދޭސީ މީހާ ގެއްލިގެން ފުލުހުންނަށް ހުށަހެޅީ ހާދިސާ ހިނގިތާ 2 ދުވަސް ފަހުންނެވެ. އަދި އޭނާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ، ޖެނުއަރީ މަހުގެ 28ވަނަ ދުވަހުގެ ވަގުތެއްގައެވެ.