ލިބުނު ފުރަތަމަ ފުރުސަތުގައިވެސް ދިވެހި ފުޓްސަލް ޓީމުން މި ސާބިތުކޮށްދިނީ ރާއްޖެއަކީ މި ސަރަހައްދުގެ އެއްވަނަކަން ކަމަށާއި، މިއީ ޓީމުގެ މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ރާއްޖެއިން ކާމިޔާބުކުރުމާއި ގުޅިގެން ޕީއެސްއެމުން ގެނެސްދިން ޚާއްސަ ލައިވް ކަވަރޭޖްގެތެރެއިން ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ އެއް މެޗު ބާކީ އޮއްވައި ރާއްޖެއިން ތަށިނެގުމަކީ ޓީމުގެ މެނޭޖުމެންޓުން ޓީމު އެއްބައިވަންތަކޮށް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ކަމަށެވެ.
ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ޤައުމީ ޓީމުން ފަރިތަކުރުންތައް ފަށައިގެން ކުރިޔަށްދިއިރުވެސް ރާއްޖޭގެ ކުޅުންތެރިންނަކީ ހުނަރުވެރި ބައެއްކަން ފާހަގަކުރެވުނު ކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ. އެހެންނަމަވެސް ބޭރުގެ ކޯޗެއްގެ އެހީގައި މި ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ދެވިއްޖެނަމަ މި ސަރަހައްދުގެ ތަށި ނެގޭނެ ފެންވަރު ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުރިކަން ފާހަގަކުރެވުނު ކަމަށާއި، ކުޅުންތެރިން މަސައްކަތް ކުރަމުން ދިޔައީ ވަރަށް ކުޅިވަރުގެ އަޚުލާގާވެސް ޠާރިޤް ފާހަގަ ކުރެއްވިއެވެ.
"އެހެންކަމުން ފާހަގަ ކުރެވުނު ޓީމެއްގެ ގޮތުގައި ވަރަށް ޑިސިޕްލިންކޮށް ކުޅުންތެރިން މަސައްކަތްކުރަމުން ދާ ކަން. މުޅި ޓީމުން ތަށި ހޯދުމަށްޓަކައި މަސައްކަތް ކުރިކަން ފާހަގަ ކުރެވޭ. އެކަމަށްޓަކައި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޝުކުރު އަދާކުރަން" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ މިއީ ފުޓްސަލް ކޮމިއުނިޓީ އާއި ގުޅިގެން އެފްއޭއެމުން މުސްތަގްބަލުގައި ކުރަން ހުރި ކަންކަމަށް އެޅުނު އެންމެ ވަރުގަދަ ފިޔަވަޅު ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި އެފްއޭއެމްގެ ފަރާތުން މިސީޒަންގައި ފުޓްސަލް މުބާރާތްވެސް އިއުލާނު ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުޓްސަލް ކުޅުންތެރިން އިތުރަށް ތަރައްޤީ ކުރުމަށް ކުރަން ހުރި ކަންކަން ކުރިޔަށްގެންދާނެ ކަމަށާއި މީގެ ކުރިން އޮތީ ވާދަކުރެވޭ ފެންވަރުގެ ގައުމުތަކާއި ކުޅުމުގެ ފުރުސަތު ނުލިބި ކަމަށްވެސް ޠާރިޤް ފާހަގަކުރެއްވިއެވެ. އެގޮތުން އޭޝިއަންކަޕް ކޮލިފައިން ކަހަލަ ކޮލިފިކޭޝަންތަކުގައި ރާއްޖެއަށް ވާދަކުރަންޖެހުނީ ފެންވަރުގެ ގޮތުން ތަފާތު ގައުމުތަކާއި ކަމަށާއި، އެއީ މާ ބޮޑު ޓްރޭނިންތަކެއް ނުލިބި ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރާއްޖެއަށް ކޮލިފިކޭޝަންތަކުން އެދެވޭ ނަތީޖާތަކެއް ނުނެރެވި ދިޔަނަމަވެސް، މިހާރު މިއީ ވާދަކުރެވޭ ވަރުގެ ގައުމުތަކާއިއެކު މި ސަރަހައްދުގައި ލިބުނު ފުރަތަމަ ފުރުސަތު ކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ. އަދި މި ފުރުސަތުގައި ދިވެހި ކުޅުންތެރިން ސާބިތުކޮށްދިނީ އެއްވަނަކަން ކަމަށާއި ކުރިޔަށް އޮތްތަނުގައި ފުޓްސަލްގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯދައިދޭން އެފްއޭއެމުން މަސައްކަތް ކޮށްދެއްވާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.