މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހުއްޓާ ފިޓުޖެހިގެން އެމްޕީއެލްގެ މުވައްޒަފަކު ނިޔާވެއްޖެއެވެ.
އެމްޕީއެލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ނިޔާވެފައިވަނީ މިއަދު ހެނދުނު ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޚަމީދު ކަމަށެވެ. އޭނާ ޑިއުޓީގައި ހުއްޓާ ފިޓު ޖެހި، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. އަދި މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.
މި ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޚަމީދު ނިޔާވުމާ ގުޅިގެން، މަރުޙޫމްގެ ޢާއިލާއަށް މި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވަމެވެ.
— Maldives Ports Limited (@Portmv) January 22, 2026
މި ހިތާމަވެރި ވަގުތުގައި މަރުޙޫމުގެ ފުރާނައަށް މާތްﷲ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި… pic.twitter.com/NOiK1Caxk5
އުމުރުން 30 އަހަރުގައި އަމީން ނިޔާވިއިރު މަސައްކަތްކުރަމުންދިޔައީ އެމްޕީއެލްގެ ފްލީޓް ސަރވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައެވެ. އެ ކުންފުންޏާ އަމީން ގުޅުނީ 2020 ވަނަ އަހަރު ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.
އަމީން ނިޔާވުމާ ގުޅިގެން އެމްޕީއެލުން ވަނީ އަމީންގެ ޢާއިލާއަށް ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާފައެވެ.