ޚަބަރު

ހޮނިހިރު ދުވަހުން ފެށިގެން ރޯދަ ހަދިޔާ ބަހަން ފަށަނީ


  • ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ

  • މާލެ ސަރަހައްދުގެ 15 ތަނަކުން މަސްދަޅު ކޭސް ދޫކުރާނެ

މި ފެށޭ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅުކޭސް ބެހުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ރޯދަހަދިޔާ ބެހުމަށް ޚާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00ން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި މަސްދަޅު ކޭސް ހޯދަން އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސްދަޅު ކޭސް ބެހުމުގެ ކަންކަން ފަށާނެ ކަމަށެވެ. އެގޮތުން، ރަށްރަށުގައި ކައުންސިލްތަކާ ގުޅިގެން އެސްޓީއޯ އިސްކޮށް ތިބެ މަސްދަޅު ބެހުމުގެ މަސައްކަތް ކުރާނެ ކަމަށާއި ރަށްރަށުގައި ރޯދަ ހަދިޔާ ބަހާނީ އެ ރަށަކުން މިހާރު ދީފައިވާ ގޭބިސީތަކުގެ ލިސްޓުގައި ހިމެނޭ ގޭބިސީތަކަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި މާލޭގައި މަސްދަޅު ކޭސް ބަހާނީ ކޮންމެ ފެން މީޓަރަކަށް ކޭހެއްގެ އުސޫލުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ. އެއީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ. ހުރިހާ ގޭބިސީއަކަށްވެސް ރޯދަ ހަދިޔާ ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ހުރިހާ ގޭބިސީތަކަށްވެސް މަސްދަޅު ލިބޭނެކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން. މަސްދަޅު ކޭސް ބެހުމުގައި ގޭބިސީތަކަށް އަޅުގަނޑުމެން މިބަލަނީ މާލޭގައި ކަރަންޓު މީޓަރުތަކަށް، އަދި ރަށްރަށުގައިވެސް އަޅުގަނޑުމެން މިހާތަނަށް ވާނީ އެ ރަށެއްގެ ގޭބިސީތަކުގެ ލިސްޓު ހޯދާފައި. އަދި ރަށްރަށުގެ ކައުންސިލްތަކުގައިވެސް އެ މައުލޫމާތު ބަރާބަރަށް ހުންނާނެ،" ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި މާލެ ސަރަހައްދުގައި މަސްދަޅު ކޭސް 15 ތަނަކުން ދޫކުރާނެއެވެ. އެއީ މާލޭގެ 8 ސަރަހައްދަކާއި ހުޅުމާލެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ 1 ސަރައްދުންނެވެ.

މާލޭގައި މަސްދަޅުކޭސް ދޫކުރާ ސަރަޙައްދުތައް:

• މިފްކޯ މަރުކަޒު
• ސޯޝަލް ސެންޓަރ
• އެމްޓީސީސީ ސޯ މިލް
• ހެންވޭރު ބޯޅަ ދަނޑު
• ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދެއް

ހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތައް:

• އުމަރު ޒާހިރު ބިލްޑިން
• ޕޮލްކޯ ޓަވަރުގެ ތިރި
• މުޙައްމަދު ގާސިމް ޕްރީ ސްކޫލް
• ކާމިލް ދީދީ ސްކޫލް
• ހިޔާ ޓަވަރު 10
• ވިނަރެސް ފްލެޓް

ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުގައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އާ ހަމައަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރޯަދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ނިންމާފައިވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ. މިދިޔަ އަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ހަދިޔާކޮށްފައިވާއިރު މިއަހަރު މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ހުރިހާ ފަރާތްތަކަށްވެސް ލުއިފަސޭހަވާނެހެން އިންތިޒާމު ކުރެވިފައިވާނެ ކަމުގެ ޔަގީންކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ދެއްވިއެވެ.