ޚަބަރު

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ވެލިދޫއަށް ފެށުމަށް ޓެސްޓު ފްލައިޓް ބާއްވައިފި


  • ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހު ދަތުރުތައް ކުރާނެ

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ނ. އަތޮޅު ވެލިދޫއަށް ފެށުމަށްޓަކާ ޓެސްޓް ފްލައިޓް ބާއްވައިފިއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ވެލިދޫއަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވާ ހުކުރު ދުވަހުއެވެ. ވެލިދޫއަށް ސީޕްލޭން ދަތުރުތައް ކުރުމަށް ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހުއެވެ.

މިއީ ނ. އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އެއަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ކުރާ ދަތުރުތަކެއްކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.

މޯލްޑިވިއަނުން ނ. ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް ތައްޔާރުވުމާއެކު ދިވެހިންނަށް ޚާއްސަ ފެއަރ އެއް ތަޢާރަފްކުރުމަށްވެސް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 999 ރުފިޔާއަށް ލިބޭނެއެވެ.

ނ. ވެލިދޫގައި ސީޕްލޭން ޕްލެޓު ފޯމެއް ވެލިދޫގައި ޤާއިމްކޮށް، ދާއިމީކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެގޮތް ހަމަޖައްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ. އަދި އަންނަ އަހަރު ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް ވެލިދޫގައި ފެށޭނެކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.

ނ. ވެލިދޫއަށް ފެށުމަށް ތައްޔާރުވެފައިވާ މި ދަތުރުތަކާއެކު އެތޮޅުގެ ރަށްރަށަށް ދަތުރުކުރާ ފަތުރުވެރިންނާއި ދިވެހީންނަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ޤަބޫލުކުރައްވައެވެ.