ޚަބަރު

އިންޓަރ މިލާން ބަލިކޮށް އާސެނަލް ފަރަގު ބޮޑުކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަރ މިލާނާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ދިހަވަނަ މިނިޓުގައި އާސެނަލް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ގެބްރިއަލް ޖިސޫސް އެވެ.

ނަމަވެސް އޭގެ އަށް މިނިޓު ފަހުން އިންޓަރ މިލާނުގެ ޕީޓަރ ސުސިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި އެއްވެސް މެޗަކުން ބަލިވެފައިނުވާ އާސެނަލް އިން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 31 ވަނަ މިނިޓުގައި ގެބްރިއަލް ޖިސޫސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި ވެސް މި ވަގުތު އާސެނަލް އިން މި މެޗަށް ނިކުތްއިރު ކޯޗު މިކޭލް އާޓެޓާ ވަނީ ޓީމަށް ހަތް ބަދަލު ގެނެސްފަ އެވެ.

އާސެނަލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ވިކްޓަރ ގިޔޮކޯރެސް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ ފުރަތަމަ ބުރުގައި މިހާތަނަށް ކުޅުނު ހަތް މެޗުން 21 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. މި މެޗުން ބަލިވި އިންޓަރ މިލާނަށް ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.