ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަކީ އެހެން އިންތިޚާބުތަކާއި ޚިލާފަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބެކެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ، މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހު ހެނދުނު 8:30 އިން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުގެ މެނދުރުފަހު 3:30 އާއި ހަމައަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލެވޭނެއެވެ. މި އިންތިޚާބުގެ އިދާރީ ކަންކަން މައިޕޯޓަލް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ ކުރަމުންދާއިރު، ސަމާލުކަން ދޭން ޖެހޭ ގިނަ ކަންކަން އެކޮމިޝަނުން ދަނީ ފާހަގަކުރަމުންނެވެ. ގިނަ އަަދަދެއްގެ ކެނޑިޑޭޓުން ކުރިމަތިލާ އިންތިޚާބެއްގައި އެންމެ މުހިންމު ކަމަކަށްވާނީ ކުރިމަތިލުމުގެ ހައްޤު ނުގެއްލޭނެކަން ކަށަވަރު ކުރުމެވެ.
އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ކެނޑިޑެސީ ބަލައިގަތްކަން ކެނޑިޑޭޓުންނަށް ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަންގަން ޖެހެނީ ހުށަހަޅާތާ 5 ދުވަހުގެ ތެރޭގައެވެ. މީގެ ކުރިން ކަރުދާސް ފޯމުތަކެއްގައި ހުރި މައުލޫމާތު، ކަށަވަރު ކުރަން ޖެހުނުނަމަވެސް މިހާރު، މަސައްކަތްތައް ވަނީ އިޔަށްވުރެ ފަހިކޮށްދީފައެވެ. މަސައްކަތް ކުރާ ގޮތަށް ބަދަލު އައިނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ދޭ ޔަޤީންކަމަކީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހުށަހަޅާ ފަރާތުގެ ޝަރުތުތައް ކަށަވަރުކުރާނެ ކަމެވެ. ކެނޑިޑޭޓުންގެ ގޮތުގައި ހުށަހަޅާ ފަރާތްތައް ހުށަހަޅަން ޖެހޭ ލިއެކިއުންތައް ގިނައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާތަނަށް ފޯމްތައް ހުށަހަޅާފައިވާ ގޮތަށް ބަލާއިރު ހުށަހަޅާފައި ހުރި ބައެއް ކެނޑިޑޭޓުންގެ ލިއެކިއުންތަކުގައި މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން މައިގަނޑު 2 ލިއުމެއް ހުށަހެޅުމުގައި ސަމާލުވުމަށް އިލެކްޝަންސް އިލްތިމާސްކޮށްފައިވެއެވެ. އެއީ ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށް ހުށަހަޅާ ލިއުމާއި އައިޑީކާޑު ކޮޕީ ހުށަހެޅުމުގައެވެ.
ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގައި ސަމާލުކަން ދޭން ޖެހެނީ އާންމުކޮށް ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ މުއްދަތާއި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ގޮތް ތަފާތު ވުމެވެ. އާންމު ގޮތެއްގައި ވަޒީފާއަށް އެދޭ ފަރާތްތަކުން 5 އަހަރަށް ސާފުކުރިނަމަވެސް، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން ޖެހެނީ އުމުރަށެވެ.
މިގޮތަށް ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާއިރު އިންތިޚާބަށް ހާއްސަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ރެކޯޑު ނަގާނެ ހާއްސަ ޓެމްޕްލޭޓެއް އިލެކްޝަންސް އިން ވަނީ ތައްޔާރުކޮށްފައެވެ. އެކޮމިޝަނުން ވިދާޅުވީ ވަކި ޓެމްޕްލޭޓެއްގައި ރެކޯޑުތައް ނަގަނީ ކޮމިޝަނުން ޝަރުތުހަމަވޭތޯ ކަނޑައެޅުމަށް ބަލަންޖެހޭ ވަކި ކަންތައްތަކެއް ހުރުމުން ކަމަށެވެ. މި ރެކޯޑުތައް މައި ޕޯޓަލްއަށް އަޕްލޯޑް ކުރަން ޖެހެނީ އެއް ފައިލެއްގެ ގޮތުގައި ޕީޑީއެފް ކޮށެވެ.
މީގެ އިތުރުން އައިޑީ ކާޑު ހުށަހަޅާއިރު، މުއްދަތު ހަމަނުވާ އައިޑީކާޑުގެ ދެފުށް ސާފުކޮށް ފެންނަ ގޮތަށް ޕޯޓަލްއަށް އަޕްލޯޑް ކުރުމަށް ވަނީ އެދިފައެވެ.
އިލެކްޝަންސްއިން ވިދާޅުވި މިފަހަރު ކެނޑިޑޭޓުންނަށް އަންގަން ޖެހޭ އެންގުމަށްވެސް ހަމަޖެހިފައިވަނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް ޕޯޓަލްގެ ބޭރުން އެންގުމެއް އަންގަންޖެހޭ ހާލަތެއްގައި ބޭނުން ކުރުމަށް އެމީހަކު އާންމުކޮށް ބޭނުންކުރާ އީމެއިލް އަދި މިހާރު ދިރިއުޅޭ އެޑްރެސް ފުރިހަމައަށް އެނގޭގޮތަށް ފޯމް ހުށަހަޅާއިރު ހިމަނަންޖެހޭނެ ކަމަށެވެ.
ލިއެކިއުންތައް ހުށަހެޅުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަވެސް، ކުރިމަތިލުމުގެ މުއްދަތު ހަމަނުވާ ނަމަ އަލުން ހުށަހެޅުމުގެ ފުރުސަތު އެކޮމިޝަނުން ދެއެވެ. އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާހް ސައީދު ޕީއެސްއެމް ގެނެސްދޭ ވޯޓަށް ތައްޔާރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ފޯމާއެކު ހުށަހަޅާ އެއްވެސް ލިއެކިއުމެއްގައި މައްސަލަ އުޅޭނަމަ އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ކޮމިޝަނުން ދޭނެ ކަމަށެވެ. ނަމަވެސް އެފުރުސަތު ދެވޭނީ މުއްދަތު ހަމަވުމުގެ ކުރިން އެކަނިކަން އޭނާ ފާހަގަކުރެވެ.
"މުއްދަތުގެ ކުރިން އަޅުގަނޑުމެން ރިޖެކްޓް ކުރާ ފަރާތްތަކަށް އަލުން ލިއެކިއުންތައް ހަމަކޮށްގެން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ. ޕޯޓަލްގެ ތެރެއިން ހުށަހަޅުއްވާއިރު އަލުން، މިސާލަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލެއްވި ފަރާތައް އަލުން ހުށަހަޅުއްވާއިރު އިދާރީ ފީއެއްވެސް ދައްކާކަށް ޖެހިވަޑައި ނުގަންނަވާނެ. އަމިއްލަ ގޮތުން ކުރިމަތިލައްވާ ފަރާތްތައް ތާޢިދު ހޯދައިގެން ކުރިމަތިލައްވަނީ. އެ ދައިރާގެ އެ މަޤާމަށް ކުރިމަތިލާނަމަ އަލުން ތާޢީދު ހޯދާކަށްވެސް ނުޖެހޭނެ. " ވިޝާހް ސަޢީދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފަހު ދުވަހު ނުވަތަ މުއްދަތު ހަމަވާ ދުވަސް ކައިރިކޮށް ހުށަހަލާ ފަރާތްތަކަށް ފޯމުގެ މައްސަލައެއް ދިމާވެއްޖެނަމަ އަލުން ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެކޮމިޝަނުން ވިދާޅުވި ގޮތުގައި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށްވެސް 4000 އަށް ވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ. އެހެން ކަމުން މިހާ ގިނަ އަދަދަކަށް ކުރިމަތިލާއިރު ވީ އެންމެ އަވަހަށް ފޯމު ހުށަހެޅުމަކީ މައްސަލަތައް ހައްލުކުރަން އޮތް ފުރުސަތެއް ގޮތުގައި އެކޮމީޝަނުން ވިދާޅުވެއެވެ.