ޚަބަރު

ޖޮކޮވިޗް އާއި ސްވިއަޓެކް މޮޅުވެ ދެވަނަ ބުރަށް


އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ނޯވަކް ޖޮކޮވިޗް އާއި އިގާ ސްވިއަޓެކް ހޯދައިފި އެވެ.

ޖުމްލަ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ އުމުރުން 38 އަހަރުގެ ސަރބިޔާގެ ނޮވަކް ޖޮކޮވިޗް މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ސްޕެއިންގެ ޕެޑްރޯ މާޓިނޭޒް އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ޖޮކޮވިޗް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް, ހައެއް ދޭއް އަދި ހައެއް ދޭއްގެ ނަތީޖާއަކުންނެވެ.

ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައިގައި މިވަގުތު ހުރި ޖޮކޮވިޗް މި މެޗުން މޮޅުވިއިރު މިއީ އޮސްޓްރޭލިއަން އޯޕަންގައި އޭނާ މޮޅުވި 100 މެޗެވެ.

މި މުބާރާތުގެ އަންހެން އިވެންޓުގައި ޕޮލެންޑަށް އުފަން އިގާ ސްވިއަޓެކް ވަނީ ޗައިނާގެ ޔުއާން ޔޫ އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ.

އުމުރުން 24 އަހަރުގެ ސްވިއަޓެކް މިހާތަނަށް ހަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވީ ނަމަވެސް އޭނާ އަށް މިހާތަނަށް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.