ސަރަހައްދީ ފުޓުބޯޅައިގައި ދިވެހިރާއްޖެއާއި އިންޑިއާ އަކީ ވަރުގަދަ ދެ ބާރެވެ. އެންމެބޮޑު ދެ ވާދަވެރިންނެވެ.
ކަން މިހެން އޮތުމާއެކު، ފުޓުބޯޅައިގެ ސިފަވަންތަކަން ލިބިފައިވާ ފުޓްސަލްގައި ވެސް މި ދެ ޓީމުގެ ވާދަވެރިކަން ފެނިގެންދާނެ ކުރިމަތިލުމަކަށް އިންތިޒާރުކުރާނެ ފަރާތްތައް މަދެއް ނޫނެވެ.
ދެ ގައުމަކީ ވެސް ފުޓްސަލް ނުވަތަ ފައިވް- އަ-ސައިޑް މުބާރާތްތަކާއި މެޗުތައް ގިނަ ދެ ގައުމެވެ. އިންޑިއާ އަކީ ދުނިޔޭގެ ތަރިންނާއެކު ފުޓްސަލްގެ ލީގެއް ވެސް ހިންގި ގައުމެކެވެ.
ފުޓްސަލްގައި މި ދެ ގައުމުގެ ވާދަވެރިކަން ބަލާލަން ކެތްމަދުވެފައިވާ ފަރާތްތަކަށް މިއޮތީ އެ ދުވަސް އައިސްފައެވެ.
ސަރަހައްދީ ގޮތުން ބަލާއިރު ދިވެހިރާއްޖެއަކީ ފުޓްސަލްގެ މައި ހަބެކެވެ.
އަވަށު ފެންވަރުގައި، ރަށު ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގެ މުބާރާތްތައް މި ގައުމުގައި އެބަ އޮތެވެ. އާއިލާތައް މެދުގައި އާއި ރަށްޓެހިންގެ މެދުގައި ވެސް އަދި ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކާއި އިދާރާތައް މެދުގައި ވެސް މިފަދަ މުބާރާތްތައް އޮވެއެވެ.
ފާޙަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖޭގައި ބާއްވާ ބައެއް މުބާރާތްތަކުގައި، ސަރަހައްދީ ބައެއް ގައުމުތަކުން ވެސް ބައެއް ކުޅުންތެރިން އައިސް ވާދަކުރެއެވެ. އަދި އެހެން ބަަށްރުތަކުން ވެސް އައިސް މި މުބާރާތްތަކުގައި ކުޅުންތެރިން ކުޅެއެވެ.
މީގެއިތުރުން، ރާއްޖެއަކީ ބައިނަލްއަގްވާމީ ތަޖުރިބާ ވެސް ފުޓްސަލްގައި ހޯދާފައިވާ ގައުމެކެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން ރާއްޖެއިން އައީ ބައިނަލްއަގްވާމީ އެކިއެކި މުބާރާތްތަކާއި ކޮލިފައިންތަކުގައި ވާދަކުރަމުންނެވެ. މިފަދަ މުބާރާތްތައް އޮންނަ އިންޑޯ ޕިޗުފަދަ ވަސީލަތްތައް ރާއްޖޭގައި ނެތް ނަމަވެސް، މިފަދަ ވާދަވެރި މެޗުތަކުން ރާއްޖެއިން އައީ ތަޖުރިބާ ހޯދައި، އެ ޕިޗަށް ހޭނެމުންނެވެ.
ކަން ދިމާކުރި ގޮތުން މުޅިން އަލަށް މިހާރު ފަށާފައިވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ހަތް ގައުމުތަކުގެ ތެރެއިން، ފީފާ ފުޓްސަލް ރޭންކިންގައި އެންމެ މަތިން ރޭންކު ކުރެވިފައިވާ ގައުމަކީ ވެސް ރާއްޖެއެވެ. މީގެއިތުރުން މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދަމުން އަންނަނީ ވެސް މި ކުޑަކުޑަ ދީބުންނެވެ.
ރާއްޖޭގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ތަފާތު މޮޅު، ޑްރިބްލިންގައި ހުނަރުވެރި އެޓޭކިން ވިސްނުމެއްގެ ކުޅުންތެރިންތަކެކެވެ.
ކަން މިހެން އޮވެމެ، ޕިޗުގައި ޓީމު ލީޑުކުރުމުގެ ޒިންމާ ވެސް ހަވާލުކޮށްފައި އޮތް ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އަކީ ފާހަގަކޮށްލެވޭ ނަމެކެވެ. ގިނަބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ޓީމެއް ލީޑުކުރުމުގެ ޒިންމާ އޭނާއާ ހަވާލުކޮށްފައި އެވަނީ ވެސް، ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުގައިކަން ޔަގީނެވެ.
ފާޙަގަކޮށްލަން ޖެހޭ ގޮތުގައި އިމްރާން ވަނީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ޤައުމީ ޖާޒީގައި ޖަހައިދީފައެވެ. އަދި ޖެހިގެން އައި ބަންގްލަދޭޝް މެޗުގައި ވެސް އިމްރާން ލަނޑުޖަހާފައި ވެއެވެ. އިދިކޮޅު ޓީމުތަކުން އެންމެ ބޮޑަށް ފާރަވެރިވާނެ އެއް ކުޅުންތެރިއަކަށް ރާއްޖެ ޓީމުން އިމްރާން ވާނެއެވެ.
ދިވެހިރާއްޖެ 7 - 1 ޕާކިސްތާން
ދިވެހިރާއްޖެ 6 - 1 ބަންގްލަދޭޝް
އިންޑިއާ އަކީ ޤައުމީ ޓީމެއްގެ ގޮތުގައި ފުޓްސަލްގައި މާ ކާމިޔާބު ޤަައުމަކަށް ނުވި ނަމަވެސް، ވަރުގަދަ މުބާރާތްތަކެއް އެތެރޭގައި ބާއްވާ ޤައުމެކެވެ. ޑިސްޓްރިކްޓު ލެވަލްއިން ފެށިގެން ގޮސް، ޤައުމީ ލެވެލްގެ މުބާރާތްތައް ވެސް ފުޓްސަލްގައި އެ ޤައުމުގައި އޮވެއެވެ.
މީގެއިތުރުން 2016 ވަނަ އަހަރު، ފުޓްސަލް އެސޯސިއޭޝަން އޮފް އިންޑިއާ އިން ވަނީ، ޕްރިމިއަރ ފުޓްސަލްގެ ނަމުގައި ވަރަށް ވަރުގަދަ މުބާރާތެއް އެ ޤައުމުގައި ބާއްވާފައެވެ. މި މުބާރާތުގައި ދުނިޔޭގެ ނަން މަޝްހޫރު އެތައް ތަރިންނެއް ފެނިގެންދިޔައެވެ. އެގޮތުން ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯގެ އިތުރުން، ރަޔަން ގިގްސް، ޕައުލް ސްކޯލްސް، ޑެކޯ، ސަލްގާޑޯ ފަދަ ކުޅުންތެރިން އެ މުބާރާތުގައި ފެނިގެންދިޔައެވެ.
މިއީ އެ ގައުމުގައި ފުޓްސަލް އަކީ މަގުބޫލު ކުޅިވަރަކަށް ހަދައި، ފުޓްސަލްގެ ހުނަރުވެރިން އުފެއްދުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ފޯރިގަދަ މުބާރާތެކެވެ.
ފުޓްސަލްގެ ދުނިޔޭގެ ރޭންކިން އަށް ބަލާލާއިރު އިންޑިއާ އޮތީ 135 ވަނައިގައެވެ.
އިންޑިއާ ޓީމުން އެންމެ ފާޙަގަކޮށްލެވޭ ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން، ނިކިލް ރާޖެންދްރަ މާލީއެވެ.
އިންޑިއާއިން ފުޓްސަލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދި އެންމެ ފުރަތަމަ މޮޅަކީ ވެސް، ނިކިލްގެ ކެޕްޓަން ކަމުގެ ދަށުން ހޯދި މޮޅެކެވެ. އެއީ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް 2026 ކޮލިފައިންގައި މޮންގޯލިއާ އަތުން ހޯދި މޮޅެވެ.
ކޮލިފައިންގައި ނިކިލް ވަނީ މުހިންމު ލަނޑުތަކެއް ވެސް އިންޑިއާ ޓީމަށް ކާމިޔާބުކޮށްދީފައެވެ.
މީގެއިތުރުން ނިކިލް އަކީ އިންޑިއާގެ ގައުމީ ފުޓްސަލް ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ވެސް މެއެވެ.
މިފަހަރުގެ މުބާރާތަށް ބަލާލާއިރު، އިންޑިއާ އިން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޢެނާގެ ލަނޑެއް ފެނިގެންދިޔައެވެ.
އިންޑިއާ 4 - 4 ބަންގްލަދޭޝް
އިންޑިއާ 3 - 3 ނޭޕާލް
މުބާރާތުގައި މިހާތަނަށް އައި އިރު މި ދެ ޓީމުން ވެސް ދެ މެޗު ކުޅެފައިވާއިރު ރާއްޖެއިން ދެ މެޗުން މޮޅުވެ ހޯދި ހަ ޕޮއިންޓާއެކު އޮތީ އެއްވަނައިގައެވެ. އިންޑިއާ އޮތީ ދެ މެޗުން ދެ ޕޮއިންޓާއެކު ފަސްވަނައިގައެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ހަތަރު ވަަނަ ދުވަހު މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 15:00 ގައެވެ.