ޚަބަރު

ފޭވަރިޓުންނޭ ބުނެ އަތްއުރާލައިގެން ތިބެވޭކަށް ނެތް: ފުހެއިދު


  • އިދިކޮޅުން ޖެހިލުންވިޔަސް، ހިތްވަރަކާއެކު މަސައްކަތްކުރުން ނޫންގޮތެއް ނެތް

  • ޓީމަށް ބިދޭސީ ކޯޗެއް ލިބުން އެއީ ޓީމަށް ލިބުނު ކުރިއެރުމެއް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ، އިދިކޮޅު ޓީމުތަކުން ޖެހިލުންވާ ވަރުގެ ޓީމަކަށް ރާއްޖެ ވިޔަސް، އިތުރު ހިތްވަރަކާއެކު މަސައްކަތްކުރުން ނޫންގޮތެއް ނެތްކަމަށް ޤައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ފުހެއިދު (ޓޯޑް) ބުނެފިއެވެ.

ތައިލެންޑުގައި ޤައުމީ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުމަކަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ފުހެއިދު ބުނީ، ޓީމު އެކުލަވާލުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެން ވެސް ޓީމުގެ ކުޅުންތެރިންނާއި، މެނޭޖްމަންޓާއި، ފުޓުބޯޅަ އެސޯސިއޭޝަނުން ވެސް ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ވަރަށް ކޮމިޓް ވެގެން ކަމަށެވެ.

ޓީމަށް ބޭރު ކޯޗެއް ލިބުން އެއީ މި މުބާރާތުގައި ކުރިއަށް ދިއުމަށް ކުޅުންތެރިންނަށް ވެސް ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި، މި މުބާރާތް ކާމިޔާބުކުރުމުގެ މުހިންމުކަން ކުޅުންތެރިންނަށް އެހާ ހިސާބުން ވެސް އިހުސާސްވިކަމަށް ފުހެއިދު ބުންޏެވެ.

"އެންމެ ބޮޑު ކަމަކަށް މީނީ ބޭރު ކޯޗެއް މީގެ ތެރެއަށް އައިސް، މީގެ ސީރިއަސްކަން ޕްލެޔަރުންނަށް ވެސް އެނގުން ކަންނޭނގެ. ސާފުން ފުރަތަމަ ފަހަރަށް މިކަހަލަ މުބާރާތެއް ބާއްވާއިރުގައި ކޮންމެ ގައުމަކުން ވެސް ތައްޓަށް ފައިޓުކުރާނީ. އެ ފައިޓަށް ބޭރު ކޯޗެއް ލިބުން ކަންނޭނގެ އެންމެ ބޮޑު އެއްޗަކަށް މިއޮތީ". ފުހެއިދު ބުންޏެވެ.

ޤައުމީ ޓީމަށް ބިދޭސީ ކޯޗެއް ލިބުން އެއީ ޓީމަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފުހެއިދު ސިފަކުރިއިރު، ޤައުމީ ފުޓްސަލް ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސައިފައި ވަނީ އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވްއެވެ.

ޓީމުން މިހާތަނަށް ނެރެފައިވާ ނަތީޖާއާ ގުޅިގެން ރާއްޖެއަކީ މި މުބާރާތް ކާމިޔާބުކުރުމުގެ ފޭވަރިންޓުގެ ގޮތުގައި ގިނަ ބަޔަކު ދެކެމުންދާތީ އެކަމާ ގުޅިގެން ވެސް ފުހެއިދު ވާހަކަދެއްކިއެވެ.

"އަދި ދެ މެޗު މި ކުޅުނީ. ހަ މެޗު ކުޅެންޖެހޭ ތަނެއްގައި. އަދި ހަތަރު މެޗު އެބައޮތް. 12 ޕޮއިންޓު އެއީ. އެ 12 ޕޮއިންޓު ހޯދަން ވަކިބަޔަކާ ވަކި ގޮތަކަށް ނޫން. ކޮންމެ ބަޔަކާ ދެކޮޅަށް ވެސް އެ މެޗެއް ނަގަން އަހަރުމެން ވަރަށް ސީރިއަސްކޮށް ނިކުންނާނަން. މި ބުނާހެން އަދި ދެ މެޗު މި ކުޅެވުނީ. ފޭވަރިޓުންނަށް ވެ އެހެންކަމެއް ވާކަށް މިއަކު އަދި ނެތް ކަންނޭނގެ މާކަ ބޮޑު ޖާގައެއް. ހަމަ މަސައްކަތް ކުރުން މީގައި އޮތީ" ފޭވަރިޓުންނަށް ވެގެން އޯވާ ކޮންފިޑެންޓުވެ އަތްއުރާލައިގެން ނުތިބޭނެކަމުގެ ޔަގީންކަން ދެމުން ފުހެއިދު ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މުބާރާތް ފެށިއިރު، މި މުބާރާތް ކާމިޔާބުކުރާނެކަމަށް ބެލެވޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖޭގެ އިތުރުން، ޕާކިސްތާނާއި އިންޑިއާ އާއި ބަންގްލަދޭޝް ވެސް ހިމެނުމެވެ. މީގެ ތެރެއިން ބަންގްލަދޭޝާއި ޕާކިސްތާނާ ދެކޮޅަށް ރާއްޖެއިން ކުޅެފައިވާއިރު ބޮޑު ތަފާތަކުން ވަނީ މޮޅުވެފައެވެ.

ރާއްޖެއަށް ކުރިއަށް ދެން އޮތީ މުބާރާތުގައި އިންޑިއާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗަށް ވެސް ނުކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން، މެޗު ކާމިޔާބުކުރުމުގެ ވަރުގަދަ އަޒުމެއްގައިކަން ފުހެއިދު ވެސް އަދި ކުޅުންތެރިންނާއި އެހެން އޮފިޝަލުން ވެސް ފާހަގަކޮށްފައިވެއެވެ.