ޚަބަރު

އިސްރަށްވެހިންގެ "ރަހަފަތް" މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި


  • ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 21ގެ ނިއަލަށްވަނީ ހުޅުވާލާފައި

  • މިއީ ދިވެހި ރަހަތައް ދައްކާލުމަށް ބާއްވާ ހަރަކާތެއް

  • މައުރަޒު އޮންނާނީ 3 ފެބުރުވަރީ އިން 7 ފެބުރުވަރީއަށް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ތެރެއިން 55 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ "ރަހަފަތް" މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އިޖްތިމާޢީ އަދި އާޢިލީ ތަރައްްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި މައުރަޒަކީ ދިވެހި ސަގާފީ ކާބޯތަކެއްޗާއި، ޚާއްސަކޮށް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭނުންކުރާ ދިވެހި ރަހަތައް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ.

އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޢުރަޒު ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި އަމިއްލަ ރަހަތައް އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކާބޯތަކެތި ތައްޔާރުކުރާ ގޮތް ބަލާލުމުގެ އިތުރުން، އެ ތަކެއްޗާ ގުޅިފައިވާ ތާރީޚީ ވާހަކަތައް އަޑުއަހާލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.

އިޖްތިމާޢީ ވުޒާރާއިން ވިދާޅުވީ، މި ހަރަކާތުގައި ބައިވެރިވެވޭނީ އިސްރަށްވެހިންގެ ނާދީގައި ރަޖިސްޓްރީވެފައިވާ 55 އަހަރުން މަތީގެ މެންބަރުންނަށް ކަމަށެވެ. މިމައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ފެބުރުވަރީ އިން 7 ފެބުރުވަރީއަށް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.

މިމައުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓުކުރަން ވަނީ ހުޅުވާލާފައެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ ކިއުއާރު ކޯޑު މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. އަދި ފޯމު ފުރައިގެންނާއި، އެ ވުޒާރާގެ ނަންބަރު 3027586 ނުވަތަ 3027587 ގުޅައިގެންވެސް ނަން ނޯޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިޖްތިމާޢީ ވުޒާރާއިން ވިދާޅުވެއެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އަންނަނީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މީގެ ކުރިންވެސް "ޝާމިލް 2025" ގެ ނަމުގައި މިފަދަ ފަރާތްތަކުގެ އުފެއްދުންތެރިކަން ދައްކާލުމަށް ޚާއްސަ ހަރަކާތެއް ވަނީ ބާއްވާފައެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން އިސްރަށްވެހިންގެ ހުނަރުތައް އާންމުންނަށް ފެނި، އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް އިގްތިސާދީ ގޮތުން ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، މިއީ އިސްރަށްވެހިންގެ މެދުގައި އިޖުތިމާޢީ ގުޅުން ބަދަހިކޮށް، މުނިފޫހިފިލުވުމުގެ ތެރެއިން ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރުދޭ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.