ޚަބަރު

ނިއު މޮޅުވެ ތިންވަނައިގަ ހަމަ ޖެހިލައިފި


  • []

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވެ ލީގު ތިންވަނައިގަ ހަމަ ޖެހިލައިފިއެވެ. ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ނިއު މޮޅުވީ 2-0 ލަނޑުންނެވެ.

މެޗަށް ނުކުތް އިރު ޖެހި ގޯލުގެ ތަފާތުން ނިއު ހަތަރު ވަނައިގ އޮތް ނަމަވެސް މި މޮޅާއެކު ވަނީ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ 15 މެޗުން ހޯދި 30 ޕޮއިންޓާއެކުއެވެ. އޮޑި ދެވަނައިގަ އޮތީ ނިއުއަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ހަތަރުވަނައިގަ ބުރު އޮތީ 27 ޕޮއިންޓާއެކުއެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާގިނަ ފުރުސަތުތަކެއް ދެޓީމުން ވެސް ހޯދިފައެއް ނުވެއެވެ.

ނިއު އިން ލީޑު ނެގީ ފުރަތަމަ ހާފުގެ 36 ވަނަ މިނިޓުގައި އަލީ ފާސިރު ނަގައިދިން ކޯނަރެއް އެޓީމުގެ ޑިފެންޑަރު މުހައްމަދު ނިޒާމް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މެޗުގެ 42 ވަނަ މިނިޓުގައި ޔޫވީގެ އިބްރާހިމް އިމްރާން އޭރިއާ ތެރެއަށް ވަދެ އަރިމަތިން ނަގައިދިން ހުރަހެއް ގޯލު ކުރިމައްޗަށް ހުރަސް ކުރުމުން އިބްރާހިމް ޒިޔާން ފޮނުވާލި ބޯޅަ ދައައީ ހުރަސް ދަނޑި މަތިންނެވެ.

މެޗުގެ 45 ވަނަ މިނިޓުގައި މުހައްމަދު ރަޒާން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް އަލީ ފާސިރު އޯވަހެޑްކިކަކުން ފޮނުވާލި ބޯޅަ ޔޫވީގެ ގޯލު މިރޭ ބެލެހެއްޓި އަލީ ނާޖިހް ވަނީ ދިފާއުކޮއްފައެވެ.

މެޗުގެ 55 ވަނަ މިނިޓުގައި ޔޫވީގެ އޭރިއާ ބޭރުން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ދިއައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ނިއުއިން މެޗުގެ ލީޑު ފުޅާ ކުރީ 65 ވަނަ މިނިޓުގައި އޭރިއާ ބޭރުން ބްރެޒިލްގެ މިޑްފީލްޑަރ ގޯމޭޒް ޑެ ސިލްވާ ނަގައިދިން ބޯޅަ އެޓީމުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގެރޯ ކާމިޔާބުކޮއްދިން ލަނޑުންނެވެ. މިއީ ހާޖީ ވިދިވިދިގެން ލަނޑު ޖެހި ދެވަނަ މެޗެވެ.

މި ލަނޑަށްފަހު ހިލޭ ޖެހުންތަކުން ދެފަހަރަށް އަލީ އަޝްފާގު ފޮނުވާލި ބޯޅަތައް ދައައީ ގޯލާ ކައިރިއަށް ނުރައްކާވެގެންނެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ލައިބީރިއާ މިޑްފީލްޑަރ އަބްދުލްﷲ ބިލިޓީއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ވަނީ ލިބިފައެވެ.

މިއީ ލީގުގައި ނިއު ހޯދި 9 ވަނަ މޮޅެވެ.