ޚަބަރު

ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް "ދޯސްތީ" މުހިންމު


  • ދޯސްތީއަކީ ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާއިން ގުޅިގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއް

  • މިއީ ތިން ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވި

އެކްސަސައިޒް ދޯސްތީއަކީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ހަރަކާތެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ، ރާއްޖެއާ އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ކުރިއަށްގެންދާ ދޯސްތީ އެކްސަސައިޒް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖެއާ އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރަކު ބާއްވަމުން އަންނަ "ދޯސްތީ 17"ގެ ތަމްރީނުތަކުގެ ރަސްމީކޮށް އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންއެވެ.

17ވަނަ ދޯސްތީ އެކްސަސައިޒް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، ދޯސްތީއަކީ ސަރަހައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ކަމަށެވެ. 1991ވަނަ އަހަރު ރާއްޖެއާއި އިންޑިއާއާ ދެމެދު ބައިލެޓަރަލް އެކްސަސައިޒެއްގެ ގޮތުގައި ފެށި މި ތަމްރީނަކީ، ކަނޑުމަތީގައި ދިމާވާ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

އެންމެ ފުރަތަމަ ބޭއްވުނު ދޯސްތީ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، އެ ދުވަސްވަރު ވަސީލަތްތައް މަދުވެފައި، ތަމްރީނުތައް މަދު ނަމަވެސް، އެކަކު އަނެކަކަށް އެހީތެރިވެ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ގުޅުން އޭރުވެސް ވަރަށް ވަރުގަދަ ކަމަށެވެ. މިއަދުވެސް މި ތަމްރީނުގެ އަސާސަކީ އެއްބާރުލުން ދިނުމުގެ އެ ރޫހު ކަމަށް ޙިލްމީ ފާހަގަކުރެއްވިއެވެ.

"2012ވަނަ އަހަރު ސްރީލަންކާ މި ހަރަކާތުގައި ބައިވެރިވުމާއެކު، ދޯސްތީ ވަނީ ވަރަށް ބޮޑަށް ފުޅާވެފައިވާ ތްރައިލޭޓަރަލް އެކްސަސައިޒަކަށް ބަދަލުވެފަ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަ ބަދަލުތަކާއި، ކޯސްޓްގާޑުތަކުގެ މެދުގައި އޮތް އިތުބާރާއި ފަންނީ އިހުތިރާމް ދޭހަކޮށްދޭ ކަމެއް. މި ތަމްރީނުތަކުގައި ކަނޑުމަތީގައި މީހުން ސަލާމަތްކުރުމާއި، ކަނޑު ތަޣައްޔަރުވުން ހުއްޓުވުމާއި، ބޯޑިން އޮޕަރޭޝަންތައް ފަދަ މުހިންމު ދާއިރާތަކުން ތަމްރީނުތައް ކުރިއަށްދާނެ." ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ތަމްރީނުތަކަކީ ހަމައެކަނި ފަރިތަކުރުންތަކެއް ނޫން ކަމަށާއި، މިއީ ތިން ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ. އަދި ރަސްމީ އެއްބަސްވުންތަކުގެ ބޭރުން، އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައި ފައިދާހުރި ގޮތެއްގައި މަސައްކަތް ކުރުމަށް މަގުފަހިވާ ކަމަށާއި، މީގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، ރައްޔިތުންގެ ބާއްޖަވެރިކަމަށް މަގުފަހިވާނެ ކަމަށް ޙިލްމީ ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިރުޝާދާއި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސްގެ ލީޑަޝިޕްގެ ދަށުން ދިފާއީ ގާބިލްކަން އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ދެއްވާ އެއްބާރުލުމަކީ މިފަދަ ތަމްރީނުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވިއެވެ.