ޚަބަރު

ތިމާވެއްޓާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ސިޔާސަތެއް ކަނޑައަޅަނީ


  • މި ސިޔާސަތުގެ ތަޞައްވުރަކީ ދަނޑުވެރި ކަމަކީ މޫސުމަށް ހޭނިފައިވާ ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުން

ރާއްޖޭގެ ތިމާވެއްޓާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސިޔާސަތެއް ކަނޑައެޅުމަށް ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މި ބައްދަލުވުން ބާއްވަވާފައިވަނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، ވޯލްޑް އެގްރޯ ފޮރެސްޓްރީ އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާޗު ގުޅިގެންނެވެ.

މިބައްދަލުވުމަކީ، ދިވެހިރާއްޖޭގެ "ނޭޝަނަލް ޕޮލިސީ އޮން އެގްރޯ ފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026" ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެވުޒާރާއިން ވިދާޅުވީ މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ ދަނޑު ބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިޤްތިސާދީ އަދި ތިމާވެށީގެ ގޮތުން ފައިދާހުރި ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތިމާވެށީގެ ހާލަތާއި، ފަސްގަނޑުގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދަނޑުވެރިކަމާއި ގަސްގަހާގެހި އާލާކުރުމުގެ މުހިންމުކަން މި ސިޔާސަތުގައި ބަޔާންކުރެއެވެ. ޚާއްޞަކޮށް، ކަނޑޫފާތަކާއި، އަތިރިމަތީގެ ގަސްގަހާގެހި ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރު ކުރުމަށް އެގްރޯ ފޮރެސްޓްރީގެ ދައުރު ބަޔާން ކުރުމަކީ މި ސިޔާސަތުގެ މަޤްޞަދެއް ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ސިޔާސަތުގެ ތަޞައްވުރަކީ، ދަނޑުވެރި ކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސިޔާސަތުގެ ދަށުން ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތް ކުރާ ޖަމިއްޔާތައް ބާރުވެރި ކުރުވުމާއި، ގަސް އިންދުމަށް ހިތްވަރު ދިނުމުގެ ގޮތުން އިނާޔަތްތައް ތަޢާރަފްކުރުން ހިމެނޭ ކަމަށެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސް ކޮށްދިނުމަށް މަސައްކަތް ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ސިޔާސަތު ތަންފީޒުވުމުން ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރު ވެގެންދާނެއެވެ. އެހެންކަމުން، ރާއްޖޭގެ އިޤަތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މި ބައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ބައެއް މުވައްޒަފުންނާއި، ވޯލްޑް އެގްރޯ ފޮރެސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެކި ރަށްރަށުގެ ކައުންސިލްތަކާއި ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.