މިފްކޯއަށް ބޮޑުކަންނެލި ގަތުމަކީ ރައީސުލްޖުމްހޫރިއްޔާ ބޮޑު ކަންނެލީގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމުގެ މަސައްކަތުގެ ފެށުންކަމަށް މަސްވެރިކަމާޢި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ގަތުމުގެ މަސައްކަތް ފެށުމާއި ގުޅިގެނެވެ.
ކަނޑުއޮތްގިރީގައި ބޮޑުކަންނެލީގެ އޮަޕަރޭޝަން މިފްކޯއިން މިހާރު ވަނީ ފަށާފައެވެ. މިމަސައްކަތް ފެށުމާއި ގުޅިގެން ކަނޑުއޮތްގިރީގައި ހުންނަވައިގެން މީޑީއާތަކާއި ވާހަކަ ދައްކަވަވަމުން މަސްވެރިކަމާޢި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތްކުރިއެރުވުމަށް މުޅި ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތެއް ޝާމިލްވާނެހެން ރައީސް ވަޢުދުތައް ވެވަޑައިގެންނެވިކަމަށެވެ.
"ސަރުކާރުން ބޮޑު ކަންނެއްޔެއް ނުއެއް ގަނޭ. ވަރަށް އުނދަގޫ ހާލަތެއް ބޮޑު ކަންނެލި މަސްވެރިން ތަޙައްމަލު ކުރަމުން މިދަނީ. ރައީސުލްޖުމްހޫރިއްޔާ ވަޢުދުފުޅުތަކުގެ ތެރޭގައި މުޅި މަސްވެރިކަމުގެ ސިނާޢަތަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ކަޅުބިލަ މަހަށާއި ބޮޑު ކަންނެއްޔަށް އަދި މަސްވެރި ސިނާޢަތުގެ ފަރުމަސްވެރިންނަށް އަދި އެހެން ބާވައްތަކުގެ މަސްވެރިންނަށް ވަޢުދުފުޅުތައް އެބަހުރި. ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ހާސިލްވެގެން މިދަނީ. މިއީ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ފެށުމެއް" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފަށާފައިވާއިރު، މީގެ ކުރިން ބޮޑު ކަންނެލި ވިއްކަމުން ދިޔައީ އަމިއްލަ ކުންފުނިތަކަށެވެ. ނަމަވެސް ބޮޑު ކަންނެލި ވިއްކައިގެން ބިލްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއްވަމުން ދިއުމާއެކު އެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ދިޔައީ ބޮޑެތި ގެއްލުންތަކާޢި ކުރިމަތިވަމުންނެވެ. މިކަމަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިން މިހާތަނަށް ތަޙައްމަލު ކުރަމުން އައީ ވަރަށް އުނދަގޫ ހާލަތެއް ކަމަށެވެ. އަދި ސަރުކާރުން މިފަދަ އޮޕަރޭޝަނެއް ފަށާއިރު އެކަން ކުރާނީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ކަންކަން ރާވާއިރު ދެމެހެއްޓެނިވި ގޮތަކަށް އެކަން ރާވާފައިވާނީ. މަސްވެރިންގެ ކަންތައްތައް ރާވާއިރު، މަސްވެރިންނާއި ވާހަކަ ދެކެވޭ ކަމަށްވަންޏާ މަސްވެރިންނަށް އެކަންކަން އަނޑަސްޓޭންޑް ވާނެ. ސަރުކާރަކުން ހެޔޮ އެދިގެން މަސައްކަތް ކުރާ ކަމައްވަންޏާ ބޭނުންވާނީ މަސްވެިރންނަށް ހެޔޮ އެދިގެން ގޮތެއް ހޯދައި ދިނުން. އަދި މަސްވެރި ސިނާޢަތުގައި ހަރަކާތްތެރިވާ، އެއީ މިފްކޯ ކަމުގައި ވީނަމަވެސް، އަދި ޕްރައިވެޓް ކުންފުނިތައް ކަމުގައިވީނަމަވެސް، އެހުރީހާ ބޭފުޅުންވެސް މަސްވެރިން އަތުން މަސް ގަނެގެން މިއުޅެނީ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމު މުޖްތަމަޢުއާ ގުޅިފައިވާ މަސައްކަތެއްކަމަށާއި، ރާއްޖޭގެ އެހެން ސިނާޢަތްތަކުގައިވެސް ރައްޔިތުންނަށް ގެއްލުމެއް ލިބޭ ގޮތަށް ކަންކަން ވަމުންދާނަމަ ސަރުކާރުން އެކަމަކަށް ފިޔަވަޅު އަޅުއްވާނެކަމަށެވެ. އެހެން ކަމުން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަމިއްލަ އުފެއްދުންތެރިކަމުގެ ސިނާޢަތަށް ސަރުކާރުން އެހީވާ ފަދައިން ރާއްޖޭގައި އެކަން ކުރާނެކަމަށް ވިދާޅުވިއެވެ. އަދި މިކަން ކުރާއިރު ހުރިހާ މަސްވެރިންގެ މަސްލަހަތު ހިމާޔަތް ކުރެވޭނެހެން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު ދެއްވިއެވެ.