ސައްތައިން ސައްތަ އިސްލާމީ މިމުޖުތަމަޢުގައި ދީނާ ޚިލާފު ފިކުރުތަކަށް ޖާގައޮވެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުވާކުޅުމަކީ ޖިނާޢީ ކުށެއްކަމުގައި ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުން އިސްލާޙެއް ހުށައެޅުމުން އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީ.އެން.ސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ގޮވާލާ ސިޔާސީ ފިކުރަކީ، ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުގައި ފުރުޞަތު ދީގެންވާނޭ ކަމެއް ނޫންކަމަށެވެ.
ޖުވާކުޅުމަކީ ޖިނާޢީ ކުށެއްކަމުގައި ކަނޑައެޅުއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރަމުންދިއުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުގައި މަސައްކަތްކުރާނޭ ފަރާތްތަކައް އިންތިޚާބުތަކުން ޖާގަ އޮވެގެން ނުވާނެކަމަށެވެ.
ރައީސް ވިދާޅުވީ މި ޤައުމުގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށްކަމަށާއި، އެ ޤައުމެއްގެ ކަންކަން އިސްލާޙުކުރެވޭނީ އެ ޤައުމެއްގެ ފަރުދުންގެ ކިބައިގައި އެފަދަ ޚިޔާލާތެއް ހުރިމިންވަރަކުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން އެންމެ އިސްކަންދެނީ އިސްލާމް ދީނަށް ނަޞްރުދީ، އިސްލާމްދީނުގެ ހަމަތަކުގެ މަތީން ކަންކަން ބައްޓަންކުރުމަށްކަމަށް ވިދާޅުވެ، އެ ގޮތުގެމަތީން ކުރައްވަމުންދާ ބައެއް މަސައްކަތްތަކަށް އިޝާރާތްކުރެއްވިއެވެ. އެގޮތުން މަސާޖު ޕާލަރތަކުގެ ނަމުގައި ބަދުއަޚުލާޤީ ޢަމަލުތަކުގެ ވިޔަފާރި ހިންގާ ތަންތަން ބަންދުކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކުގައި ހިމެނިގެން ގާތްގަނޑަކަށް އެއް މަސްދުވަހުގެ ތެރޭގައި، މާލޭ ސިޓީއިން އެކަނި، މިފަދަ 104 ތަނެއް ބަންދުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، ވަކި ޢަދަދަކަށްވުރެ ގިނައިން މަސްތުވާތަކެތީގެ ވަގުފާރި ކުރާމީހުންނަށް މަރުގެ އަދަބު ކަނޑައެޅޭގޮތަށް ޤާނޫނު އިސްލާޙުކުރައްވައި ތަސްދީޤުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ލޯކަލް ޓޫރިޒަމްގެ ޤަވާއިދު އިޞްލާހުކުރައްވައި، ސަފާރީތައް ހިންގުމުގެ ޤަވާއިދާ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ގެންގުޅެންޖެހޭ މިންގަނޑާއެކު، ދާދި އަވަހަށް ގެޒެޓުކުރެވޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އިސްލާޙީ މަސައްކަތްތައް ތަންފީޒުކުރުމުގައިވެސް ކައުންސިލްތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭނޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ އޮއިވަރުގައި ދިވެހީންގެ ޝަޚްޞިއްޔަތު ދޫކޮށްލުމަކީ ގޯހެއްކަމަށާއި، ސިޔާސީ މީހުން ސިޔާސީ މަޤްޞަދުގައި ދައްކާ ވާހަކައާ މެދު، އަޞްލަށް ރުޖޫޢަވެ، ތަޢައްޞަބުން އެއްކިބާވެ ހުރެ އަމިއްލަ ސިކުނޑިން ވިސްނައި، މިނެކިރައިފި މީހަކަށް، އެކަން ޤަބޫލުކުރެވޭނޭކަމަށެވެ.