ޚަބަރު

ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ


  • ހިރިމަރަދޫގެ ރައްޔިތުންގެ ހަނިމާދޫއަށް ބަދަލުކުރުމަށް ވަނީ ނިންމާފައި

  • ހިރިމަރަދޫގެ އާބާދީގައި ހިމެނޭ 588 މީހުން މިހާރު ހިމެނޭނީ ހަނިމާދޫގެ އާބާދީގެ ތެރޭގައި

އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ހދ.ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ އެ އަތޮޅު ހަނިމާދޫކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން މިހެން ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ނިންމެވުމާއި ގުޅިގެންނެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމާބެހޭ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އިސްލާހު ގެންނެވީ އޭޕްރިލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީޚާ ދިމާވާތީއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅު ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލު ކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަން ވާނީ އެ މީހުން އަލަށް ބަދަލުކުރި ރަށް ކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫ ކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިސްލާހު ގެންނެވި ޤަރާރާއެކު، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫން ކަމަށް ކަނޑައަޅުއްވާނެއެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެކަން ސަރުކާރުން ޢާންމުކޮށް އިޢުލާން ކުރާ ތާރީޚުން ފެށިގެން ކަމަށް ޤަރާރުގައި ވަނީ ބަޔާންކުރައްވާފައެވެ.

ރައީސްގެ މި ޤަރާރާއެކު އިލެކްޝަންސް ކޮމިޝަނުންވަނީ ވޯޓުލާ ދާއިރާތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްފައެވެ. އެ ކޮމިޝަނުން ވިދާޅުވީ ރައީސުލްޖުމްހޫރިއްުޔާގެ ޤަރާރުގައި ބަޔާންކުރައްވާފައިވާގޮތަށް މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އިންތިޚާބުގައި ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގައި ހިރިމަރަދޫގެ އާބާދީގައި ހިމެނޭ 588 މީހުންނަކީ ހަނިމާދޫގެ ރަށްވެހީން ކަމުގައި ބެލެވޭނެކަމަށެވެ. އަދި، އޭގެތެރެއިން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ފަރާތްތައް ވޯޓުލާނީ ހަނިމާދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ހދ. ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށާއި، އެރަށު ހުރިހާ ރައްޔިތުންނަށް އެކަށިގެންވާ ގެދޮރާއި ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް، އެރަށު ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމަވައި، މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވި ޖަލްސާގައި ވަނީ އިޢުލާނުކުރައްވާފައެވެ.

އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި ހިރިމަރަދޫން ހަނިމާދުއަށް ބަދަލުވާ ރައްޔިތުންގެ ތެރެއިން މިހާރު ގޯތި ގެދޮރު ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދޫއަށް އަލަށް ބަދަލުވާ ސަރަޙައްދުން ގެ ލިބޭނެއެވެ. އަދި މިހާރު ގޯތި އޮވެ، އިމާރާތެއް ނެތް ކޮންމެ ރައްޔިތަކަށްވެސް ގެ ލިބޭނެއެވެ. މި މަޝްރޫޢުގެ ދަށުން ހިރިމަރަދޫން ހަނިމާދުއަށް ބަދަލުވާ އެއްވެސް ރައްޔިތަކަށް ގެދޮރު ނެތި ނުތިބޭނެކަން ކަށަވަރު ކުރެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހިރިމަރަދޫން ހަނިމާދޫއަށް މީހުން ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަމަށް ސަރުކާރުގައި އެދުމުންނެވެ.