ޚަބަރު

ޚާއްޞަ ޞިއްޙީ ބޭނުންތަކުގެ ޗުއްޓީއަށް އެދި ދެން ހުށަހަޅަން ޖެހޭނީ ސީއެސްސީއަށް


  • މީގެކުރިން ޗުއްޓީއަށް އެދެންޖެހެނީ މަސައްކަތްކުރާ އޮފީސް މެދުވެރިކޮށް

  • މީގެ ސަބަބުން ޗުއްޓީ ހަމަޖެހުން އަވަސްވާނެ

ސިވިލް ސަރވިސް މުވައްޒަފުންނަށް "ޚާއްސަ ސިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީ" އަށް އެދެވޭނެ ލުއިފަސޭހަ ގޮތެއް ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވައިފިއެވެ.

އެކޮމިޝަނުން އާންމުކޮށްފައިވާ އުސޫލުގައި ޚާއްސަ ހާލަތްތަކުގައި ސިއްޙީ ބޭނުންތަކަށްދޭ ޗުއްޓީއަށް މުވައްޒަފުން އެދޭ ހާލަތްތަކުގައި އިދާރާތަކުން މަސްއޫލުވެރި އޮފީސް މެދުވެރިކޮށް އެކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން އެކަމުގައި ދަތިތަކެއް މުވައްޒަފުންނަށް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން މުވައްޒަފުން މަސައްކަތްކުރާ އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށައަޅާގޮތަށް އޮތުމުން ޗުއްޓީ ދިނުމާ މެދުގޮތެއް ކަނޑައަޅައި މުވައްޒަފަށް އެކަން އެނގުމަށް ހޭދަވާ މުއްދަތު ދިގުލައިގެންދާކަމަށް ސީއެސްސީން ވިދާޅުވެއެވެ.

އެކޮމިޝަނުން ވިދާޅުވީ އެކަމަށް ހައްލެއް ގެނައުމަށް ޚާއްސަ ޙާލަތްތަކުގައި ސިއްޙީ ކަންކަމުގައި މުވައްޒަފުން ޗުއްޓީއަށް އެދޭ ޙާލަތުގައި އެމުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށްފަހު ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި ސީދާ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭގޮތަށް އެކޮމިޝަނުންވަނީ މިހާރު ހަމަޖައްސާފައެވެ.

އެކޮމިޝަނުން ވިދާޅުވީ މިގޮތަށް ހުށައަޅާއިރު ޗުއްޓީ ފަށަން ބޭނުންވާ ތާރީޚުގެ 15 ދުވަސް ކުދިން ކަމާ ގުޅުންހުރި ލިޔެކިޔުންތަކާއެކު ހުށައެޅުމަށްވަނީ އަންގާފައެވެ. މިކަމަށް އެދި ހުށައަޅާނީ "ޚާއްޞަ ޞިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު" މެދުވެރިކޮށްކަމަށް ސީއެސްސީން ވިދާޅުވެއެވެ.

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އާބާދީއަކީ ސިވިލް ސަރވިސް މުވައްޒަފުންނެވެ. ގާތްގަނޑަކަށް 26000 މުވައްޒަފުން ތިބި އިރު، އެމުވައްޒަފުންނާއި ގުޅުންހުރި ކަންކަން ބަލަހައްޓަމުންދަނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.